ރައިސް ތިނަދޫ އިންޖީނުގެއާއި ކުނިގޮނޑާއި އަދި އައިސް ޕްލާންޓް ބައްލަވައިލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރައިސް ތިނަދޫ އިންޖީނުގެއާއި ކުނިގޮނޑާއި އަދި އައިސް ޕްލާންޓް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ އިންޖީނުގެއާއި ކުނިގޮނޑާއި އައިސް ޕްލާންޓް ބައްލަވައިލައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ތިނަދޫ އިންޖީނުގެއާއި ކުނިގޮނޑާއި އައިސް ޕްލާންޓް ބައްލަވައި ލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވައި މައުލޫމާތު އޮޅުންފިލުއްވިއެވެ.

މީގެއިތުރުން ކުރީގެ ރަށު ކައުންސިލް މެންބަރު ސަޢުދު ޢަލީ ރަށުގައި ގަސްއިންދުމަށް ހިންގަވާ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ތިނަދޫ ހުޅަނގުފަރާތުގައި މިއަދު ހެނދުނު ރުކެއް އިންދަވައި ދެއްވައިފައެވެ.

ތިނަދޫ ފެހިކުރުމާއި ރަށުގެ ހޫނު މަޑުކުރުމާއި ރަށުގެ ފުއްޓަރު ފަރާތުގައި ދިރިއުޅޭ މީހުންގެ ގެތަކަށް ކުރާ ލޮނުގެ އަސަރު ކުޑަކުރުމުގެ މަޤުޞަދުގައި ސަޢުދު އަލީ އަމިއްލައަށް އިސްނަންގަވައިގެން ހިންގަވާ މި ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ފުރުޞަތު ދެއްވުމުގައި އިސްކަން ދެއްވަނީ ކުޑަކުދިންނާއި މައިން ބަފައިންނާއި ރަށަށް ޒިޔާރަށް ކުރައްވާ ޢިއްޒަތްތެރިންނަށެވެ. ސަޢުދު ޢަލީ ހިންގަވާ މި ޕްރޮގްރާމްގެ ތެރޭގައި ގަސް އިންދުމަށް ޝައުޤުވެރިކަން އިތުރުކޮށް ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން ރުކާއި އެކި ބާވަތުގެ ގަސް ހިމެނޭ ގޮތުން މިހާތަނަށް ފައްސަތޭކައެއްހާ ރުއްގަސް އިންދަވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުވެސް މިއަދު ވަނީ އެސަރަހައްދުގައި ރުކެއް އިންދަވައިދެއްވައިފައެވެ.

މިއަދު އޮންލައިން