މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައިސް މިހެން ވިދާޅުވީ މަސްވެރިކަމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން ގދ. ތިނަދޫގައި ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބާނާ މަހުގެ ބޮޑު ބައެއް ބޭރުކުރަނީ ފިނިކުރި މަހުގެ ގޮތުގައި ކަމަށާއި އެއީ އަދި އެންމެ ފައިދާކުރަނިވި ގޮތް ނޫން ކަމަށާއި އެކަމަކު އެއަށްވުރެ ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ލިބޭ އާމްދަނީ ހަތަރު ގުނަ އިތުރުވާ ކަމަށެވެ.

"އެހެންކަމުން ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯ އަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން ވިއަސް ބޭރުކުރެވިއްޖެއްޔާ މިހާރު މި ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެއް. އެ އަގު ލިބޭ ކަމުގައިވާ ނަމަ މަސްވެރިންނަށް މިފްކޯއިން މަސްގަންނަން ދޭ އަގު އިތުރުކުރެވޭނެ. އެހެންވީމާ މިފްކޯއަށް ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ރައީސް ވިދާޅުވި އެވެ.

ހަމައެކަނި މިފްކޯގެ ހިސާބުތަކަށް ބަލާއިރު ވެސް، މަސްގަތުމަށް އެ ކުންފުނިން މިދިޔަ އަހަރު 813 މިލިއަން ރުފިޔާ އަދި މި އަހަރު މިހާތަނަށް 467 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކީ މަސްވެރިކަން ކަމުގައި ނުވި ނަމަވެސް، އެންމެ ގިނަ އަދަދެއްގެ ފައިސާ ސީދާ ރައްޔިތުންގެ އަތްމައްޗަށް އަރާ މަސައްކަތަކީ އަދިވެސް މަސްވެރިކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން