ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3ގެ ދަރިވަރުން ދަސްވެނިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3ގެ ދަރިވަރުން ދަސްވެނިވެއްޖެ

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ. އެ ކަމަށް ޓަކައި މިއަދު އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. 2026 ޖޫން 8އިން 2026 ސެޕްޓެންބަރު 19އަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އަދި އޭގެ ތެރެއިން 341 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 62 އަންހެން ދަރިވަރުންނާއި 279 ފިރިހެން ދަރިވަރުންނެވެ. މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ. 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުން ދަސްވެނިވި ދަރިވަރުން ވަނީ ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑް ހާސިލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ ނޭޝަނަލް ސަރވިސް ޓްރެއިނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ. އަދި ރަސްމިއްޔާތުގެ ކޮމްޕެނީ ކޮމާންޑަރ ގޮތުގައި ހުންނެވީ ބްރާވޯ ކޮމްޕެނީ ކޮމާންޑަރ، ކެޕްޓަން އިބްރާހީމް ނަޒީޙެވެ. މި ޕްރޮގްރާމްގައި، ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑަރޝިޕާއި، އިސްލާމިކް ސްޓަޑީސްއާއި، ފިޒިކަލް ޓްރޭނިންގއާއި، ވޯޓަރމަންޝިޕާއި، ޑްރިލްއާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގއާއި، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދީ ހުނަރުތައް ދަސްކޮށްދީފައި ވެއެވެ. މި މާއްދާތައް ކިޔަވައިދެއްވީ ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އޮނަރަބަލް ޤީލާ ޢަލީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފް އަދި ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޔާލުފުޅާ އެކު ކުރިއަށްގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން