"އިމާމް މީހާގެ ޙަރަމްބަން ތަކްބީރާއިއެކު ނަމާދަށް ޙަރަމް ބަނދެގެން 40 ދުވަސް ވަންދެން މީހަކު ހުރިހާ ނަމާދެއް ޖަމާއަތުގައި ކޮށްފިނަމަ، 2 ކަމަކުން އެމީހަކު ބަރީޢަވެގެން ލިޔުއްވިގެންވާނެއެވެ. އެމީހަކީ ނަރަކައިން ސަލާމަތްވެގެންވާ މީހެއްގެ ގޮތުގަ އާއި އެމީހަކީ ނިފާޤްކަމުން ސަލާމަތް ވެގެންވާ މީހެއްގެ ގޮތުގައި ﷲ ތަޢާލާ ލިޔުއްވަވާނެތެވެ." މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.
މިޙަދީޘްފުޅުންވެސް އެނގިގެންދަނީ ޖަމާއަތުގައި ނަމާދުކުރުމުގެ މުހިންމު ކަމެވެ. ނަމާދަށް ނުގޮސް ތިބެނީ މުނާފިޤުން ކަމެވެ. ވީމާ މުނާފިޤް ކަމުގެ ސިފަތަކުން ސަލާމަތް ވުމަށްވެސް ނަމާދުކުރަން ޖެހެއެވެ. ނަމާދު އެޅުމަކީ މުނާފިޤަކަށްވެގެންދާ ކަމެކެވެ. ނަމާދު ވަގުތުން ފަސްކުރުމާއި ނަމާދު އެޅުމަކީ މުނާފިޤް ކަމުގެ ސިފައެކެވެ.
ނަމާދުކުރުމަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ރަސޫލް (ޞޢވ)ގެ ރަސޫލްކަން ޤަބޫލުކުރުމަށްފަހު ދެން ކުރަން އޮތް އެންމެ މުހިންމު އަޅުކަމެވެ. ދެން ކުރަންޖެހޭ އެންމެ މުހިންމު އަޅުކަމެވެ.
އިސްލާމް ދީނާއި ނަމާދާއި އަޅުވައި ބަލާނަމަ ހަށިގަނޑުގައި ބޯ ހުރެއެވެ. އެ ބޯ ހަށިގަނޑުގައި ނެތްނަމަ އެ ހަށިގަނޑަކީ ދިރުން ހުރި ހަށިގަނޑަކަށް ނުވާނެއެވެ. ހަމައެބީދައިން ދީނަށް ނިޞްބަތްކޮށް ބަލާނަމަ ނަމާދަކީ އެދީނުގެ ބޮލެވެ. އެ ބޯ ނެތްކަމުގައި ވާނަމަ އެ ދީނެއް ނެތެވެ. އެކަން ބަޔާން ކުރައްވަވައި ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައިވަނީ ނަމާދު ނުކުރާ މީހެއްގެ ދީނެއް ނުއޮންނާނެ ކަމަށެވެ. ދީންވެރިކަމެއް އެމީހެއްގެ ކިބައިން ނުފެންނާނެ ކަމަށެވެ.
ޢުމަރުގެފާނު ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުއްވަވާ ސިޓީފުޅުތަކުގައި ލިޔުއްވަވާފައި އޮންނަނީ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެންމެ މުހިންމު ކަމަކީ ނަމާދު ކަމަށެވެ. ނަމާދަށް ރައްކައުތެރިވެއްޖެ މީހާ ދެންހުރި ހުރިހާ ކަމަކަށް ރައްކައުތެރިވާނެ ކަމަށެވެ. އަދި ނަމާދަށް ފަރުވާ ކުޑަކޮށްފި މީހާ ދެން ހުރި ހުރިހާ ކަމަކަށް ފަރުވާ ކުޑަކުރާނެ ކަމަށެވެ. އަދި ނަމާދު އަޅާ މީހަކަށް އިސްލާމް ދީނުގައި އެއްވެސް ނަޞީބެއް ނުވެއެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީނުގެ އަޞްލަކީ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި ދީނަށް ވަނުން ކަމަށެވެ. އަދި އެ ދީނުގެ ތަނބަކީ ނަމާދު ކަމަށެވެ. ވީމާ ދީނުގެ ތަނބުކަމުގައި ވެގެން މިދަނީ ނަމާދެވެ. ދީން އެއިގެ މައްޗަށް ބިނާވެގެންވާ އެއްޗެއް ކަމުގައި ވެގެން މިދަނީ ނަމާދެވެ.
- "ކީއްވެ ކުރަންވީ؟" މައުޟޫއަށް އިސްލާމީ މަރުކަޒުގެ އިސް އިމާމް ނަޞްރުﷲ ޢަލީ މިރޭ ދެއްވި ދަރުސުން