ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި ކަމަށް ައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އެންމެ އަގުބޮޑު ޚަޒާނާއަކީ، އެ ޤައުމެއްގެ ރައްޔިތުން ނުވަތަ އާބާދީ ކަމަށާއި ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަރައްޤީގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ބަލަންޖެހެނީ، އާބާދީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކާއި ގޮތްތަކަކީ ކޮބައިކަން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެކަންކަމަށް ވިސްނާއިރު، ކޮންމެ ފަރުދަކީ، ޤާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭފަދަ ގޮތަކަށް، ތަޢުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޤައުމީ ތަރައްޤީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރަނގަޅު ކާނާއާއި، ދުޅަހެޔޮ ޞިއްޙަތުގެ ޒަރީޢާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަންޖެހޭނެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި، ވިހާ މަރުވާ ނިސްބަތް އަޅައިކިޔުމުން ފެންނަނީ، 2054 ވަނަ އަހަރާ ހަމައަށް ދާއިރު، ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާ މަންޒަރު. އާދެ! އާބާދީގެ 14 އިންސައްތައަކީ، ދޮށީ ޢުމުރުގެ މީހުންނަށް ވެގެންދާނެ. އެހެންކަމުން، މިހާރު ރާއްޖޭގައި އޮތް، މަސައްކަތްކުރާ ޢުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަޤާފަތް އަށަގަންނުވަން، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ.
މިހާރުގެ ޒުވާން ޖީލު، ދޮށީ ޢުމުރަށް ފޯރާއިރު، ހަށިހެޔޮ ދުޅަހެޔޮ އަދި ފުދުންތެރި ދިރިއުޅުމެއް ލިބޭނީ އޭރުން. ހަމައެފަދައިން، ދޮށީ ޢުމުރުގެ މީހުންގެ އިޖްތިމާޢީ ރައްކާތެރިކަމަށާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް، ދައުލަތުން އުފުލަންޖެހޭ ބުރަ ކުޑަކުރެވޭނީ، އެ މަގަށް ސިޔާސަތުތައް ބަދަލުކޮށް ތަންފީޒުކުރެވިގެން.
ރާއްޖޭގެ މިހާރުގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުން. އަދި މަސައްކަތްކުރާ ޢުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 67 އިންސައްތަ. އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރުވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ އެ ގޮތުގައި ކަމަށް، އަންދާޒާތަކުން ދައްކާ.