ރާއްޖޭގެ ޖަލުތަކުގައި ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލުކުރުމަށްޓަކައިވެސް މައްސަލަތައް ނިންމުން އަވަސްކުރަން މެންބަރުން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ފާހަގަކުރެއްވި ގޮތުގައި "ވާނުވާ" ޖަހައި ނުވަތަ ޝަރީޢަތް ނިމެންދެން މީހަކު ޖަލުގައި ބަންދުކުރުމަށް ޝަރީޢަތުން ޙުކުމެއް ކޮށްފިނަމަ އެމީހެއްގެ މައްސަލަ ވީހައި އަވަހަކަށް ޙައްލުކުރަން ޖެހޭނެއެވެ. އެކަން ކުރެވޭނީ އެމީހެއްގެ ޝަރީޢަތް އަވަސްކޮށް ވީހައި އަވަހަކަށް މައްސަލަ ޝަރީއަތުން ނިންމައިގެންނެވެ.
ހަމައެއާއިއެކު ޖަލުގައި މީހުން ބަންދުކުރުމުން ލިބެން ޖެހޭ ނަތީޖާ ނުލިބޭކަން ވެސް މެންބަރުން ފާހަގަ ކުރިއެވެ. "ޖަލުގައި މީހުން ބައިތިއްބަނީ ދައުލަތުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން. އެ ޚަރަދުތައް ކުރަނީ މީހުން އިޞްލާޙް ކުރުމަށްޓަކައި. ނަމަވެސް ޖަލުން މިނިވަންވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުށްކޮށްގެން އެމީހަކު އެމީހާ އަނބުރައި ޖަލަށް ގެންދަން އެބަ ޖެހޭ. އެކަމުން އެނގެނީ އެމީހާ ޖަލަށްލެވުނު މަޤްޞަދު ޙާޞިލު ނުކުރެވޭކަން."
މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިން ވަނީ ޖަލުގައި އުފެދުނު މައްސަލަ ހައްލު ކުރަން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އެޅުއްވި އަވަސް ފިޔަވަޅުތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު ދަންނަވައިފައެވެ.