ކޮޕް31 ގައި ރާއްޖެ ތަމްސީލުކުރުމަށް ޔާނިއާ އަދި ލަސަން ހޮވިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮޕް31 ގައި ރާއްޖެ ތަމްސީލުކުރުމަށް ޔާނިއާ އަދި ލަސަން ހޮވިއްޖެ

ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް31 (COP31) ގައި ދިވެހިރާއްޖޭގެ ވަފުދާއެކު ބައިވެރިވުމުގެ ފުރުޞަތު ދެ ޒުވާނަކު ހޯދައިފިއެވެ. "ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމުގެ ތެރެއިން މި ފުރުޞަތު ކާމިޔާބުކޮށްފައިވަނީ ޔާނިއާ ޙުސައިން އިޝާން އަދި ލަސަން ޞަބާޙް އެވެ.

މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

ކޮޕް31 އާ ދިމާއަށް ކުރެވޭ މި ދަތުރުގައި ޔާނިއާ އާއި ލަސަން މަސައްކަތްކުރާނީ ދިވެހި ޒުވާނުންގެ ޚިޔާލުތަކާއި، ދެކޭގޮތާއި، އަދި ޒުވާނުންގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި ހުށަހަޅައި، އެ ފަރާތްތައް ތަމްސީލުކުރުމަށެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމަށް ޒުވާނުންގެ ހުރި ހައްލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަކީ މި ދަތުރުގެ މައިގަނޑު އެއް ބޭނުމެވެ.

ޔާނިއާ އަދި ލަސަން ހޯދި މި ފަޚުރުވެރި ކާމިޔާބީއަށް މަރުޙަބާ ކިޔަމުން، އެ ފަރާތްތަކުން މި ސަމިޓުގައި ދިވެހިރާއްޖެ ފުރިހަމައަށް ތަމްސީލުކޮށް، ޤައުމަށް އަގުހުރި ކާމިޔާބީތަކެއް ހޯދައިދޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން