މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާއަކީ ފަޚުރުވެރި ދިގު ތާރީޚެއް އޮތް މުއައްސަސާއެއް ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ފުލުހުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންގެ ކޮންމެ އޮފިސަރަކު ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ކުރައްވާ މަސައްކަތަކީ ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ވަބާތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ނުހަނު މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާއާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޒަމާނީ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފަހިކޮށްދިނުން ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ވަކިވަކި ފުލުހުން ކުރައްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، ހުރިހާ ފުލުހުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.