ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދެމިތިބޭނީ ގާނޫނީ މިންގަނޑުތަކަށް ކަމޭހިތާ، ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީވާ މުއައްސަސާއެއް ބިނާކުރުންމަތީ: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދެމިތިބޭނީ ގާނޫނީ މިންގަނޑުތަކަށް ކަމޭހިތާ، ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީވާ މުއައްސަސާއެއް ބިނާކުރުންމަތީ: ސީޕީ

ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދެމިތިބޭނީ ގާނޫނީ މިންގަނޑުތަކަށް ކަމޭހިތާ، ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީވާ މުއައްސަސާއެއް ބިނާކުރުންމަތީގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ވޭތުވެދިޔަ 22 އަހަރު ކުރި ދަތުރަކީ ގޮންޖެހުންތަކާ ކުރިމަތިލައި އިސްލާހީ ބަދަލުތަކަކަށް ކެރިގެން މަސައްކަތްކުރި ދަތުރެއްކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ކުށްމަދު މުޖުތަމައެއް ބިނާކުރުމަށާއި ސައިބަރ ކްރައިމް ފަދަ ޒަމާނީ ކުށްތަކަށް ކުރިމަތިލުމުގައި ފުލުހުންނަށް ތަމްރީނު ދެވި، މިއަދު ފަންނީ މަތީ މިންގަނޑުތަކަކަށް ވާސިލުވެވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަކީ ފުލުހުން އެކަނި ހާސިލުކުރާ ނަތީޖާއެއް ނޫން ކަމަށާއި، މިއީ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި، އާންމު ފަރުދުންނާ ގުޅިގެން ކުށް އުފެދޭ މާހައުލު ނައްތާލުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމަށްވެސް ވިދާޅުވިއެވެ. 

ފުލުހުންގެ އަހުލާގާއި ނަޒާހަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ ޔުނީފޯމާއި ކޮނޑުގައިވާ ބެޖަކީ ރައްޔިތުންގެ އަމާނާތެއް ކަމަށެވެ. "ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން. އިޙްލާސްތެރިކަމާ ނަޒާހަތްތެރިކަމާ އިންސާފުވެރިކަމުން ހޯދޭނެ އެއްޗެއް. ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް،" ސީޕީ ވިދާޅުވިއެވެ. 

މީގެއިތުރުން، ފުލުހުންގެ ހިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ މި ހިދުމަތް ޕްރޮފެޝަނަލް މިންގަނޑަކުން ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ހިދުމަތް ފެށުނުއިރު މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިއަދު ވަސީލަތާއި، އުމްރާނީގޮތުންނާއި ހިދުމަތުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ޚިދުމަތް ދެމުންދާއިރު، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ހާއްސަ އުމްރާނީ ވަސީލަތް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސީނިއަރ ސާޖަންޓް ރޭންކުން ފެށިގެން ދަށުގެ 95 މުވައްޒަފަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިހެވެ. އަދި ހިދުމަތުގައި 25 އަހަރު، 30 އަހަރު އަދި 35 އަހަރު ފުރިހަމަކުރައްވާފައިވާ މުވައްޒަފުންނާއި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ 132 މުވައްޒަފަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މިއަދު އޮންލައިން