އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން ފިޔަވަޅުއަޅަން ނިންމި ބައްދަލުވުންތަކުގެ ޔައުމިއްޔާ މަޖިލީހަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދިއްޖެއެވެ.
މިކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދުނީ އެ ކޮމީޓީން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
ކޮމިޓީން ކުރި ސުވާލުތަކަށް ބްރޯޑްކޮމްގެ މެންބަރުންނަށް އެކަށީގެންވާ ގޮތުގައި ޖަވާބު ދެވިފައެއް ނުވެއެވެ.
ކޮމިޝަންގެ ރައީސް ޝަހީބް ވިދާޅުވީ އެއްވެސް މީޑިއާ އަކާއިމެދު އެއްވެސް ފިޔަވަޅެއް އަޅަން އޭނާ ހުށަހަޅުއްވާފައި ނުވާނެ ކަމަށާއި އަދި އޭނާ ތާއީދު ކުރައްވާފައިވެސް ނުވާނެ ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ އަޣްލަބިއްޔަތުން ކަންކަން ފާސްކޮށް ފިޔަވަޅު އަޅަމުން ގެންދިއައީ ކަމަށެވެ. އަދި މަޤާމުން އިސްތިއުފާ ނުދެއްވައި މަޑުކުރެއްވީ އިސްތިއުފާ ދެއްވުމަކީ މައްސަލަތަކަށް އެއްވެސް ޙައްލެއް އަންނާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވަވާތީ ކަމަށެވެ.
މިބައްދަލު ކުރެއްވުމުގައި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިން ވިދާޅުވީ ބްރޯޑްކޮމް އިން ޤާނޫނާއި އެއްގޮތަށް އަމަލުކޮށްފައިނުވާކަން މެންބަރުންގެ ވާހަކަތަކުން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ.