އެއްކަމެއްގައި 2 ދުވަހު ދެގޮތަށް ޙުކުމްކުރި ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން މިހާރުން މިހާރުން ވަކިކުރަންޖެހޭ ކަމަށާއި ދެން ތިއްބެވި 2 ފަނޑިޔާރުން ވެސް މިހާރުން މިހާރަށް މަޤާމުން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ގޮވާލައިފިއެވެ.
ފެބްރުވަރީ 1 ޙުކުމަށް އިޝާރާތް ކުރައްވައި މެންބަރުން ވިދާޅުވީ 1 ވަނަ ދުވަހު ޙުކުމް ކުރީ 5 ފަނޑިޔާރުންގެ އިއްތިފާޤުން ކަމަށާއި ޖެހިގެން އައިދުވަހު 3 ފަނޑިޔާރަކު ވަނީ ޙުކުމާ ދެކޮޅު ހައްދަވައިފައި ކަމަށެވެ. އަދި ސްޕްރީމް ކޯޓުން 1 ފެބްރުވަރީގައި ކުރި ޙުކުމަށް އަމަލު ނުކުރާނެ ކަމަށް ފުލުހުންނާއި ސިފައިންގެ އިސްވެރިން ބުނުމުން އެކަންވެސް ވަނީ ބަލައިގެންފައި ކަމަށެވެ.
ބައެއް މެންބަރުން ވިދާޅުވީ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންނަށްވެސް ވަނީ އަދުލުވެރި ނިޒާމެއްގެ ތެރެއިން ޝަރުޢީ ނިޒާމުގެ ކަންކަން ކުރިއަށް ނުގެންދެވިފައި ކަމަށާއި އެކަމުގެ ސަބަބުން މުޅި ޝަރުޢީ ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން މިހާރުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ. ނޫންނަމަ ރައްޔިތުންނަށް ޖެހޭނީ ނުކުމެ ސްޕްރީމް ކޯޓު "ސާފުކުރަން" ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ ވާހަކަތައް މިފަދައިން ހުރިއިރު 1 ފެބްރުވަރީގެ އަމުރާއި ގުޅިގެން ސްޕްރީމް ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ރައްޔިތުންގެ ގިނަ ބައަކު އަންނަނީ އެދުވަހުން ފެށިގެން ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ރައީސް ޔާމީން ވަނީ 1 ފެބްރުވަރީގެ ޙުކުމަކީ 2 ފަނޑިޔާރުން އެހެން ފަނޑިޔާރުންގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވައިގެން ނެރުނު އަމުރެއް ކަމަށް ވިދާޅުވެފައެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ބާރާއި ނުފޫޒަށް ޙުކުމް ކުރާ ބައަކު ކަމުގައި ވާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ ގިނަ ބައަކު އަބަދުވެސް އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ވަނީ 1 ފެބްރުވަރީގެ ޙުކުމަކީ ޞައްޙަ ޙުކުމެއް ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވުމަށްފަހު ޙުކުމުގެ ބައިތައް ފަހުން ވަނީ ބަދަލުކުރައްވައިފައެވެ. ބާޠިލުވެސް ކުރައްވައިފައެވެ. މިއީ ވެސް ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އިތުރުވި އެއް ސަބަބެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލީހަށް ވަނުން މަނާކުރުވި 12 މެންބަރުންގެ މައްސަލައިގައި ސާފު އިބާރާތަކުން ބަޔާންކޮށް ހުކުމެއް ނުނެރެ ރައީސް ޔާމީނުގެ ވެރިކަން ނިމެންދެން ސްޕްރީމްކޯޓު މަޑުން އޮތްކަމީވެސް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއަ އެންމެ ބޮޑު އެއް ސަބަބެވެ.