ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީ އިން ސަސްޕެންޑްކުރި މައްސަލާގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށްފާސްކުރީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށްގެން ހޯދި މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކާއެކުއެވެ. މި އިސްލާހުގައި ވަނީ ޑީޑީގެ މައްސަލާގައި އަމުރާ ހިލާފު ހުރިހާ ކަމެއް ބާތިވާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމުރެއް ކަމަށެވެ.
މި ރިޕޯޓު މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވީ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ މެމްބަރުންނެވެ.