ހިނގަމުންދާ މަޖިލީހެއްގެ މުސާރައާއި އިނާޔަތްތައް އަދި އެއިގެ މިންވަރަށް އެއްވެސް ބަދަލެއް ނުގެނެވޭނެގޮތަށް މާއްދާއެއް އިތުރު ކުރުމަށާއި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ލިބޭނީ، އެ މަހެއްގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކުގެ މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާއަށް ޙާޟިރުވެގެންކަމަށް މަޖިލީހުގެ ޢަވާއިދަށް މާއްދާއެއް އިތުރުކުރުމަށް އަދާލަތު ޕާޓީން ހުށަހަޅައިފިއެވެ.
މީގެ އިތުރުން މަޖިލީހުގެ ޤަވާއިދަށް ގެންނަން ފެންނަ ކަމަށް އެ ޕާޓީން އިއްޔެ ހުށަހެޅި އިސްލަހުތަކުގެ ތެރޭގަ ކޮމިޓީ އެލަވަންސްގެ ގޮތުގައި ދެވޭ އިނާޔަތް ލިބޭނީ އެމަހެއްގައި މަދުވެގެން ކޮމިޓީގެ 3 ބައްދަލުވުން ބާއްވައި އެ ބައްދަލުވުންތަކުގެ މަދުވެގެން ދެބައިކުޅައެއްބައި ބައްދަލުވުމަށް ޙާޟިރުވާ މެމްބަރުންނަށް ލިބޭގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވައިދަށް އިސްލާހު ހުށައެޅުމަށް އެ މަޖިލީހުން، ހުޅުވާލި ފުރުސަތުގައި އަދާލަތު ޕާޓީން އެ މަޖިލީހުގެ ޤަވައިދަށް އިސްލާހު ހުށަހަލާފައިވަނީ މައިގަނޑު 3 އަމާޒެއް ހާސިލްކުރުމަށެވެ.
އެއީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމެވެ
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު އަހަރަކު އެއްފަހަރު އެމެންބަރެއްގެ މުދަލާއި ފައިސާ ސައްހަކަން ކަށަވަރުވާގޮތަށް ސަރޓިފައިޑް އޮޑިޓަރެއްގެ ތައްގަނޑުޖެހި މާލީ ބަޔާން ހުށައަޅަށް ޖެހޭގޮތަށް އަދި މިބަޔާންތަށް މަޖިލީހުގެ އަމީން އާއްމުއަށް ހުށައެޅޭތާ ހަތް ދުވަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާއްމުކުރުމަށް ހުށައެޅުން ހިމެނެއެވެ .
މީގެއިތުރުން މަޖިލީހުގެ ކޮމެޓީއަށް ހުށައެޅޭ ބިލެއް ފަސްދޮޅަސް ދުވަހުގެ ތެރޭގައި ދިރާސާކުރުމަށްފަހު މަޖިލީހަށް ހުށައެޅުމާއި އަދި އެމުއަދަތުގެ ތެރޭގައި ބިލް ދިރާސާކޮށް ނުނިމިއްޖެނަމަ އެބިލެއް ދިރާސާކޮށް މަޖިލީހަށް ހުށައެޅުމުގައި އިތުރު ވަގުތު ބޭނުންވާނަމަ އެބިލް ދިރާސާކުރުމަށް ކޮމެޓީން ބޭނުންވާ މުއްދަތު ބަޔާންކޮށް މަޖިލީހަށް ހުށައިޅައި ފާސްކުރާގޮތަށް އިސްލާޙު ހުށަހެޅިފައި ވާނެއެވެ
.
ހުށަހެޅުނު އިސްލާހުތަކުގެ ތެރޭގައި، މަދުވެގެން 1500 ދިވެހި ރައްޔިތުންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާއިފިނަމަ، އެ ޕެޓިށަނަކާމެދު ބަހުސްކުރުމަށް ޕެޓިޝަން ހުށައަޅާތާ 14 ދުވަސްތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވުން ހިމެނެއެވެ.