ހިތުގެ ހިނގުން ހުއްޓުމާއިއެކު މީހާ މަރުވީއެވެ. އެހިސާބުން އެމީހެއްގެ ހުރިހާ ކަމެއް ނިމުނީއެވެ. މަރުވުމަށް ވަކި ވަގުތެއް ނެތެވެ. ވަކި އުމުރެއްވެސް ނެތެވެ. އެހެންކަމާއިއެކު ވެސް ގިނަ ޒުވާނުންނަށް ހީވެފައި އޮންނަނީ އުމުރުގައި ވަރަށް ގިނަ ދުވަސްތައް ބާކީ އަދި އެބަ އޮތް ކަމަށެވެ. މިވެނި އެވެނި އުފާތަކެއް ޙާޞިލުކޮށްލަން ވަގުތު އެބައޮތް ކަމަށެވެ.
އުފާކުރަން ގޮސް ނައިޓް ކްލަބްތަކާއި އެނޫންވެސް ތަންތަނުގައި ތިބެ އުފާކުރަމުން ދަނިކޮށް ތަފާތު ހާދިސާތަކުގައި މަރުވަނީ ކިތައް ޒުވާނުން ހެއްޔެވެ؟ އެއްވެސް ހާދިސާއެއް ކުރިމަތި ނުވެ ވެސް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ އެކުގައި ތިބޭ އެކުވެރިން މަރުވި އެކުވެރިޔާ ހޮސްޕިޓަލަށް ގެންދެއެވެ. ޖަނާޒާގައިވެސް ބައިވެރިވެއެވެ.
އަނެއް ދުވަހުވެސް އަނެއް ރޭ ވެސް ގޮސް ތިބެނީ ހަމަ އެތަންތަނުގައެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންތައްތައް ކުރުމަށެވެ. ހިނގައި ދިއަ ހާދިސާއިން ހާޞިލުވީ ކޮން ޢިބްރަތެއް ހެއްޔެވެ؟ ޢިލްމު ދެއްވަވައި ކަންކަމަށް ވިސްނުމުގެ ބާރު ދެއްވެވުމުން އަމަލުކުރަން އޮތް ގޮތަކީ މިއީ ކަމަށްވާނަމަ ލިބިފައިވާ ޢިލްމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! ޚާއްޞަކޮށް ޒުވާނުންނޭވެ! ހޭލުންތެރިވާށެވެ! މަރުވުމާއި ކުރިމަތިލާން ޖެހޭނީ ކޮން ވަގުތަކުކަން އެނގޭނެ ހަމަ އެކަކުވެސް ނެތެވެ. އެކަން އެނގިތިބެމެ އެކަމަށް ތައްޔާރު ނުވާމީހާއަށްވުރެ ބޮޑު މޮޔައަކީ ކާކު ހެއްޔެވެ؟ ސިކުނޑި ދެއްވަވައި މީސްތަކުން އެންމެ މާތް ކުރެއްވެވުމުން އެ ސިކުނޑިން ނުވިސްނާނަމަ އެމީހަކީ ފުރިހަމަ އިންސާނަކަށް ވާނެ ހެއްޔެވެ؟ ޖަނަވާރުންނާއި ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟
އެކުގައި ތިބެ ޙަރާމް ކަމެއް ކުރަނިކޮށް މަރުވި އަޚާ ވަޅުލާފައި ގޮސް ހަމަ އެކަން ކުރާނަމަ އެއީ އަމިއްލައަށް ނަރަކައަށް ދާ މީހެކެވެ. އެހެން ނުހަދާށެވެ! ނަރަކައަށް ދާން ޖެހިދާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! ވިސްނުމުގެ ބޭނުންކޮށް ނަރަކައިން ސަލާމަތްވެވޭނެ ގޮތްތައް ހޯދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން