ފުލުހުންގެ ޚިދުމަތުގެ މުހިންމު އެއް ތަނބަކީ އަންހެން ފުލުހުން ކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިން ދުވަސް 2026 ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވަނީ، ފުލުހުންގެ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު އަންހެން ފުލުހުންނަކީ މުޅި މުއައްސަސާގެ ޚިދުމަތުގައި އެންމެ މުހިންމު އެއް ތަނބުކަން ފާހަގަކުރައްވާފައެވެ. އަދި ހައްސާސް މައްސަލަތައް ހައްލުކުރުމަށާއި ފަންނީ ދާއިރާތަކުގައި އަންހެން ފުލުހުން ކުރީ ސަފުގައި ހަރަކާތްތެރިވެ، އެކަމުގެ ހެޔޮ ނަތީޖާ މުއައްސަސާއަށާއި މުޅި ޤައުމަށް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ފުލުހުންގެ ޚިދުމަތް މަދަނީ އިދާރާއެއްގެ ގޮތުގައި އުފެދިގެން އައިއިރު މަސައްކަތްކުރީ މަދު އަންހެން ފުލުހުންކަމުގައި ވީނަމަވެސް، މިއަދު އެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވުމަކީ މުޖުތަމަޢުގައި ކަނބަލުންގެ ދައުރު ބޭނުންޖެހިފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ރަމްޒެކެވެ.
މީގެއިތުރުން، މުއައްސަސާގެ ތެރޭގައި ކަނބަލުންނަށް ޚާއްސަކޮށްގެން ހިންގާ ތަމްރީނުތަކާއި އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ސަބަބުން، ފުލުހުންގެ ދާއިރާއަށް ޝައުގުވެރިވާ ކަނބަލުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ މުއައްސަސާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ދެވޭ އިސްކަން ހާމަވާ ކަމެއްކަމަށްވެސް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.