ކުރީގެ ޣާޒީ ބިލްޑިންގ ހުރި ސަރަޙައްދުގައި ހަދަމުންދާ ޕާކިން އޭރިއާގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމައި، އަންނަ ހުކުރު ދުވަހު އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި ސަރަޙައްދުގައި ތަރައްޤީކުރާ ޒޯނުގައި 370 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ. މީގެއިތުރުން، އާންމުންނަށް އިށީންދެލައިގެން ތިބެވޭނެ ފަދަ ހިތްފަސޭހަ ކުޑަ ޕާކެއް ވެސް މި ސަރަޙައްދުގައި ވަނީ ޤާއިމުކޮށްފައެވެ. އަދި މި ބިމުން ވަކި ބައެއް ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ބިނާރާބެހޭ ވުޒާރާގެ ޕަބްލިކް ވަރކްސްއިން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިހާރު ކުރިއަށްދަނީ ޕާކުކުރާ އޭރިއާތަކުގެ ރޮނގުތައް ކުރެހުމާއި، މަޝްރޫޢު ނިންމުމުގެ އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތްތަކެވެ.