ނިއޯކެއަރ ނުވަތަ އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއާ ގުޅޭ ނިއޯނޭޓަލް ކޮންފަރެންސް ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާ ދެވަނަ އަހަރެވެ. މި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގައެވެ.
މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެކަމަނާ ވަނީ ފުރަތަމަ ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބުލެޓިން ނެރެދެއްވާފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި ކޮންފަރެންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3 ދުވަހުގެ މުއްދަތަށެވެ.