ތިބާގެ ޞިއްޙީ މައްސަލަތައް އެބަހުއްޓެވެ. މާލީ މައްސަލަތައްވެސް އެބަހުއްޓެވެ. އަނބިދަރިންގެ މައްސަލަތައްވެސް އެބަހުއްޓެވެ. ވަޒީފާ ނެތުމުގެ މައްސަލަ އާއި ދިރިއުޅުމުގެ މައްސަލަތައްވެސް އެބަހުއްޓެވެ. ދަރަނިތައްވެސް ހަމަ އެހައި ގިނައެވެ. ތިބާގެ ވަށައިގެންވަނީ މައްސަލަތަކެވެ. ހިތް ހަމަޖެހިލައިގެން ހުރެ ނޭވާއެއް ލެވޭނެ ގޮތެއްވެސް ނެތެވެ.
އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާއެއް ނެތެވެ. އެކަމުގެ ސަބަބުން ގެއަށް ވަންނައިރަށް ޝަކުވާ ފުންޏަކާއި ކުރިމަތިލާން ޖެހެއެވެ. ވަޒީފާއެއް ލިބޭތޯ ސިޓީލަމުން ގެންދާއިރު ވަޒީފާއެއްވެސް ލިބެނީއެއް ނޫނެވެ. ލޯނުތައް ނުދެއްކޭތީ ބޭންކުން ވަނީ އެކައުންޓް ފްރީޒްކޮށްފައެވެ. މިފަދަ ހުރިހާ މައްސަލަތަކާއިއެކުވެސް މިހުރިހާ މައްސަލަތަކާއިއެކު އަބަދުހެން އުޅެން ޖެހެނީ ވެސް ބަލިވެއެވެ.
މައްސަލަތައް ބޮޑެތި ފަރުބަދަތައްހައި ބޮޑެތިވެފައި ކަނޑުގެ ފޮނުހައި ގިނަ ނަމަވެސް ﷲ ތައާލާގެ ކުރިފުޅުމަތީގައި އެ ހުރިހާ މައްސަލަތަކަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ އިރާދަކުރައްވަވާއިރަށް ހުރިހާ މައްސަލަތަކެއް ފިލައިގެން ހިނގައިދާނެއެވެ. ނަމަވެސް މައްސަލައަކީ އެކަން ޤަބޫލުނުކުރެވޭ ކަމެވެ.
މިފަދައިން ބުނަން މިޖެހެނީ މައްސަލަތައް ކުރިމަތިވުމުން އެ ވާހަކަތައް މީހުންނަށް ކިޔައިދޭން ދުވާލަކު 2، 3 ގަޑިއިރު ހޭދަކުރާއިރު ﷲ ތަޢާލާއަށް ދަންނަވައި ދުޢާކުރަން އެންމެ 15 ވަރަކަށް މިނިޓްވެސް ހޭދަ ނުކުރާތީއެވެ. ކިތަންމެ ދެރަ ނިކަމެތިވެފައި ކިތަންމެ ވަރަކަށް ކަރުނަވެސް އަޅައި ކިތަންމެ ގިނަ ބައަކަށް މައްސަލަތައް ކިޔައިދިން ނަމަވެސް އަސަރުކޮށް އެހީތެރިވާނީ ހާހަކުން މީހެކެވެ. ވީއިރު މީސްތަކުންނަށް ވާހަކަތައް ކިޔައިދޭން ވަގުތު ބޭކާރުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
އަބަދުވެސް ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! މައްސަލަތައް އިތުރުވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ! މައްސަލައެއް ނެތިވެސް ދުޢާކުރަމުން ދިއަ މީހާގެ ޙާޖަތްތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެކަން އެއީ ހަމަ ޔަޤީން ކަމެކެވެ. ހަމަ އެއާއިއެކު މައްސަލަތައް ކުރިމަތިވުމުން ވެސް ދުޢާކުރާނަމަ އެމީހެއްގެ ޙާޖަތްތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ.
