ފިހާރަތައް ބަންދުކުރާ ގަޑި މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ބަދަލުކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 31ސ
ފިހާރަތައް ބަންދުކުރާ ގަޑި މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ބަދަލުކުރަނީ

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފިހާރަތައް ރޭގަނޑު އެގާރަ ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު އެކެއް ޖަހާއިރު ބަންދުކުރަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

 

ރަމަޟާންމަހު ޢާއްމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ފިހާރަތައް ބަންދުކުރާ ގަޑި ރޭގަނޑު ބާރަ ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފަތިހު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އޮތީ ހަމަޖައްސާފައެވެ.

 

އަދި ހަ ރޯދަ ނިމެންދެން އެގޮތަށް އޮތުމަށްފަހު މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ބަންދު ކުރާ ގަޑިތައް ވަނީ ބަދަލު ކޮށްފައެވެ.

 

މީގެއިތުރުން އެމިނިސްތްރީން ބުނެފައިވަނީ މި އުސޫލާއި ޚިލާފްވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

 

ރޭގަނޑު ދިހައެއް ޖަހާއިރު ފިހާރަތައް ބަންދުކުރާ ގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު އިޞްލާހުކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗުމަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، ހުސްވި ޑިސެމްބަރމަހުން ފެށިގެން ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

 

ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭގޮތަށް ޤަވާއިދު އިޞްލާޙުކޮށްފައިވާއިރު، ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަވެސް އިކޮނޮމިކް މިނިސްޓްރީން ދަނީ ދެމުންނެވެ.

 

އެގޮތުން މިދިޔަ މޭމަހާއި ހަމައަށް މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް 14 ފަރާތަކަށް ހުއްދަ ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން އޭރު ބުނެފައިވެއެވެ. ހުއްދަ ދީފައިވަނީ ކެފޭ ރެސްޓޯރަންޓް ހިމެނޭގޮތުން 10 ތަނަކަށާއި، 4 ފިހާރައަކަށެވެ.

މިއަދު އޮންލައިން