ފެށުނީއްސުރެ މި ސަރުކާރުގެ އަމާޒަކީ، އެންމެހައި ރައްޔިތުން ޝާމިލުވާ ޢަދުލުވެރި ސަރުކާރެއްގެ ޒަރީޢާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ގެނެސްދިނުން ކަމަށާއި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު އަބަދުވެސް ވަޒަންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މިސަރުކާރުން ކުރާ މަސައްކަތަށް، އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:
އަޅުގަނޑާއި ބޮޑުވަޒީރު މޯދީ އެންމެފަހުން ބައްދަލުކުރި ދުވަހުން ފެށިގެން، މިއަދާ ހަމަޔަށް ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން، ބޮޑުވަޒީރުގެ މި ދަތުރުފުޅުގައިވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް، އަޅުގަނޑުމެން މަޝްވަރާ ކުރިން. މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫތަކާއި އިފްތިތާޙު ކުރެވުނު ދެ މަޝްރޫޢު ކަމުގައިވާ އެމް.އެންޑީ.އެފްގެ [ކޮމްޕޮސިޓް ޓްރޭނިންގެ ފެސިލިޓީ] އަދި [ކޯސްޓަލް ސަރވެއިލެންސް ރާޑަރ ސިސްޓަމް]އަކީ މި އަމާޒާ ހަމައަށް ވާސިލުވުމަށް ލިބޭނެ އިތުރު ކުރިއެރުމެއް.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސޮއިކުރި [ވިސާ ފެސިލިޓޭޝަން އެގްރީމަންޓް] އަށް މިހާރު ވަނީ ޢަމަލުކުރަން ފެށިފައި. މި އެއްބަސްވުމުގެ ސަބަބުން، މި ދެ ޤައުމުގެ ރައްޔިތުން، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިއްޖެ. އަދި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާއި، އިންޑިއާގައި ދިރިއުޅޭ ދިވެހީންގެ ފަރާތުން، ދެ ޤައުމުގެ ސަގާފީ އަދި އިޤްތިޞާދީ ކުރިއެރުމަށް ލިބެމުންދާ އެހީތެރިކަން، އަޅުގަނޑާއި ބޮޑުވަޒީރު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރަން. ހަމަ މިމޭރުމުން، ކޮންސިއުލަރ ކަންތައްތައްތަކުގައި، ކުރިއަށްވުރެ ބޮޑަށް، ދެ ޤައުމުންވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެވުނު.
ދެ ޤައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު މިއަދު އޮތް ހިސާބަށްވުރެ ބޮޑަށް ވަރަގަދަ ކުރުމަކީ، ދެ ޤައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައި އަޅުގަނޑާއި ބޮޑުވަޒީރަށް އެއްބަސްވެވުނު. ކޮޗީ އާއި ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން މިއަދު ސޮއިކުރި އެމް.އޯ.ޔޫ.ގެ ސަބަބުން، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި މުދަލާއި މީހުން އެކުލެވޭ މުޢާމަލާތްތަކުގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގަނެ ޚިދުމަތް ލިބެން ފެށުން.
އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ދެގޮތެއްނުވާ ރަމްޒެއްގެ ގޮތުގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ދެމިހުންނާނެ. އެ ހޮސްޕިޓަލްގެ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް، މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމުގެ އަގު ވަޒަންކޮށް، އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. ޞިއްޙީ ރޮނގުން އިތުރަށް އެއްބާރުލުން ދިނުމަށް މިއަދު ސޮއިކުރި އެމް.އޯ.ޔޫ. އަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް އިންޑިއާ ސަރުކާރުން ވެދެމުން އަންނަ އެހީތެރިކަމަށް ލިބުނު އިތުރު ކުރިއެރުމެއް.
މަސައްކަތްތެރިންގެ ހުނަރުވެރިކަން ތަރައްޤީ ކުރުމަށް އިންވެސްޓް ކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެގޮތުން، އިންސާނީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު އެމް.އޯ.ޔޫތަކެއްގައި މިއަދު ސޮއިކޮށްފި.
ފުރަތަމަ އެމް.އޯ.ޔޫ.އަކީ، ފަސް އަހަރުގެ ތެރޭގައި 1000 ސިވިލް ސަރވަންޓުން ތަމްރީނު ކުރުމަށް، ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި، އިންޑިއާގެ [ދަ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް]އާ ދެމެދު ސޮއިކުރި އެމް.އޯ.ޔޫ. ދެވަނަ އެމް.އޯ.ޔޫ.އަކީ، ކަސްޓަމްސްގެ ދާއިރާ ތަރައްޤީ ކުރުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު އެމް.އޯ.ޔޫ. މި އެމް.އޯ.ޔޫ.ގެ ދަށުން ކަސްޓަމްސް އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް ޢަދާކުރެއްވުމުގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގޭނެ. އަދި، ހައިޑްރޮގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ވަރަށްވެސް ސްޕެޝަލައިޒްޑް ދާއިރާއަކުން ރާއްޖޭގައި މިހާރު ހުރި ޤާބިލިއްޔަތު ފުޅާކުރެވޭނެ.
އޭގެ އިތުރުން، މިދިއަ ޑިސެންބަރު މަހު އަޅުގަނޑު އިންޑިއާއަށް ކުރި ޒިޔާރަތުގައި، އެކި ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމަށް، އިންޑިއާ ސަރުކާރުން ފަހިކޮށްދިނުމަށް ނިންމި 1000 ތަމްރީނު ފުރުޞަތުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފުމާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މިއަދު މަޝްވަރާ ކުރިން.