މޯދީގެ ދެވަނަ ދައުރުގަ ފުރަތަމަ ޤައުމަކަށް ރާއްޖެ ވަޑައިގަތުމުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މޯދީގެ ދެވަނަ ދައުރުގަ ފުރަތަމަ ޤައުމަކަށް ރާއްޖެ ވަޑައިގަތުމުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް!: ރައީސް ޞާލިޙް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ 2 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުތަމަ މަންޒިލަކަށް ރާއްޖެ ހެއްދެވުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން: 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މަނިކުފާނަށާއި މަނިކުފާނުގެ ވަފުދަށް ހޫނު މަރުޙަބާއެއް ދެންނެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއް. އަދި، ދާދި ފަހުން ބޭއްވި ލޮކް ސަބާ އިންތިޚާބުގައި، މަނިކުފާނުގެ ޕާޓީން ހޯދި ތާރީޚީ ކާމިޔާބީއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވަން.

މަނިކުފާނު ދެވަނަ ދައުރަކަށް، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚްތިޔާރުކުރެއްވިކަމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން، އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެތްކެއް.

ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވަނީ، ގިނަ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ވަރަށް ވަރުގަދަ ގުޅުމެއް. އިންޑިޔާ ކަނޑުން ގުޅިފައިވާ އަޅުގަނޑުމެންގެ މި ދެ ޤައުމަކީ، އެއްގޮތް ގިނަ ކަންތައްތަކެއް އެކުލެވިފައިވާ ދެ ޤައުމު. އޭގެތެރޭގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ އާދަކާދަތަކާއި ތާރީޚާއި ސަގާފަތް ހިމެނޭ. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެތައް އަހަރެއް ކުރިންވެސް، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވަނީ، ތަފާތު މުޢާމަލާތްތަކުގެ ޒަރީޢާއިން ވަރަށް ބަދަހި ގުޅުމެއް އުފެދިފައި.

 

މިއަދު އޮންލައިން