ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ފަތުރުވެރިން ތިބުމުން ޢީދު ދުވަހުން އެމީހުންނަށްވެސް ހިނިތުންވުން އިތުރުކުރާށެވެ. ބައްދަލުކޮށް މިއީ މުސްލިމުންގެ އުފާވެރި ޢީދު ދުވަސްކަން އަނގައިދޭށެވެ. ޢީދު ކުޅިވަރުތަކަށާއި ހަފްލާތަކަށް ދައުވަތުދީ ބައިވެރިކުރުވާށެވެ.
މަޤްޞަދަކަށްވާނީ އެމީހުންނަށް އިސްލާމް ދީނުގެ ދައުވަތު ފޯރުކޮށްދިނުމެވެ. އިސްލާމް ދީނަކީ ޞުލްހަވެރި، އަމާން، އެކުވެރި، އެއްބައިވަންތަކަމުގެ ދީންކަން ބަޔާންކޮށްދިނުމެވެ. އެއްވެސް ޙާލެއްގައި އެމީހުންގެ ޘަޤާފަތްތައް އަހަރެމެންގެ ދީނަށް ގެނެސްގަތުމެއް ނޫނެވެ.
ރާއްޖެ އައި ބައެއް ފަތުރުވެރިން މިހާރުވެސް ވަނީ އިސްލާމް ވެފައެވެ. އެއީ އޯގާތެރިކަމާއި ޙިކުމަތްތެރިކަމާއިއެކު އިސްލާމް ދީނުގެ "ދަންމަރު" އެމީހުންނަށް ފޯރުކޮށްދެވުމުންނެވެ. ވީމާ ފެށޭ ފިޠުރު ޢީދުގައި ހަމަ ކޮންމެ މީހަކުވެސް މިބުނި ވިސްނުމުގައި މަސައްކަތްކުރުމަކީ އިސްލާމް ދީނަށް ދެވޭ މަތިވެރި ނަޞްރެކެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމަކީ އިސްލާމް ދީން މަތިވެރިކުރަން އެމީހަކަށް ކުރެވެން ހުރި ކަންކަން ކުރުމެވެ. އިސްލާމް ދީނަށް ނަޞްރު ދޭ މީހުންނަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ.
މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު