އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓޭނީ ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަޙުމަތްތެރިކަމާއި، މަޝްވަރާކުރުމުގެ އުސޫލަށް އިހްތިރާމްކޮށްގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ 14 ވަނަ އޯއައިސީ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯއައިސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ތަޖުރިބާ ހިއްސާކުރުމަށް ގޮވާލަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓޭނީ ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަޙުމަތްތެރިކަމާއި، މަޝްވަރާކުރުމުގެ އުސޫލަށް އިހްތިރާމްކޮށްގެން ކަމަށެވެ.
މީގެއިތުރުން މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި ސުލްހަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖެއިން ތާއީދު ކުރާކަމަށާއި ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއިއެކުގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ތަހައްމަލުކުރަމުންދާ މުސްލިމުންނާއިއެކު ދިވެހިން ދެމި ތިބޭނެކަމަށް ވެސް ވިދާޅުވިއެވެ.
އޯއައިސީ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ވެސް ފާސްކޮށްފަ އެވެ. މީގެ އިތުރުން ސަމިޓްގެ ފައިނަލް ކޮމިއުނިކޭ ކަމަށްވާ މައްކާ ޑެކްލަރޭޝަނާއި، އިސްވެރިންގެ ބައްދަލުވުމުގައި މަސައްކަތް ފެށުނު ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާ މެދު މަޝްވަރާކޮށްފަ އެވެ. މި ގަރާރު ފާސްކުރާނީ އޯއައިސީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓުގައެވެ.