މިއަދަކީ ރޯދަމަހުން 25 ވަނަ ދުވަހެވެ. މިރެއަކީ ރަމަޟާން މަހުން 26 ވިލޭރެއެވެ. މާދަމާ އާއި މިރެއަށްފަހު ދެން ބާކީ އޮތީ 3 ދުވަހެވެ. 3 ރެއެވެ. އެއީ އޮނަހިރި ދެ ރޭ ކަމަށްވާ 27 ވިލޭރެ އާއި 29 ވިލޭރެއެވެ. އަދި 28 ވިލޭރެއެވެ. ވީމާ ދަތުރު މިނިމެނީއެވެ.
ރަމަޟާން މަސް ގާތްވުމުން އެމަހާއި ކުރިމަތިލާނބް ތައްޔާރުވީމުއެވެ. މަސް ލައިގަތުމުން މަސް ކާމިޔާބުކުރުމަށް ގަދައަޅައި މަސައްކަތްތަކެއް ކުރަން ފެށީމުއެވެ. ކޮންމެ އިބާރާތަކުން ހާމަކުރި ނަމަވެސް އަހަރެމެން ހުރިހާ މުސްލިމުން މިކުރާ މަސައްކަތަކީ ހަމަ އެންމެ ބޭނުމަކު ކުރާ މަސައްކަތެވެ. އެއީ "ޞިރާތުލްމުސްތަޤީމް" ލިބިގަތުމެވެ. ރޯދަ ހިފަނީވެސް ރޭއަޅުކަންކުރަނީވެސް އަދި ކުރާ ހުރިހާ ހެޔޮ އަމަލުތަކެއް ކުރަނީވެސް ހަމަ އެ ބޭނުމުގައެވެ. "ޞިރާތުލްމުސްތަޤީމް" ލިބިގަތުމަށެވެ.
އެއިގެ އިތުރުން ކޮންމެ ދުވަހަކު ކުރާ ފަރުޟް 5 ނަމާދުގެ 17 ރަކްޢަތުގައި "ޞިރާޠަލްމުސްތަޤީމް" ދެއްކެވުން އެދި ދުޢާކުރަމުއެވެ. މީގެ އިތުރުން ކުރާ ކޮންމެ ސުންނަތް ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައިވެސްމެއެވެ. މިދުޢާ އާއި ނުލައި އެއްވެސް ނަމާދެއް ފުރިހަމަވުމެއް ނެތެވެ.
ފަރުޟު 5 ނަމާދުގެ 17 ރަކްޢަތާއި ރަވާތިބު ސުންނަތުގެ 12 ރަކްޢަތާއި ވިތުރީގެ 3 ރަކްޢަތާއި ދަމުނަމާދުގެ އެންމެ މަދުމިން ކަމަށްވާ 2 ރަކްއަތް ޖުމުލަކޮށްފިނަމަ ދުވާލަކު 34 ފަހަރު މިދުޢާ ކުރެވޭނެއެވެ. އެމީހަކަށް ޞިރާޠު މަގު، ސީދާވެގެންވާ ތެދުމަގު، ދެއްކެވުން އެދި ދުޢާ ކުރެވޭނެއެވެ.
ޤިޔާމަތް ދުވަހު ކާމިޔާބު ލިބޭނީ ނަރަކައިގެމަތިން ޞިރާޠުމަގު ހުރަސްކުރެވުނު މީހަކަށެވެ. އެކަން ކުރެވޭނީ އެމަގު ލިބިގަނެވިގެންނެވެ. ވީމާ ޞިރާޠު މަގު ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން ޖެހޭ މިންވަރު މިއޮތީ ކިތަންމެ ރަނގަޅަކަށް ވެސް ފެންނާށެވެ. ޞިރާޠު މަގު ހުރަސް ނުކުރެވި އަރިއަޅާލައިފިނަމަ ވެއްޓޭނީ ސީދާ ނަރަކައަށެވެ. އިތުރު އެއްވެސް އެހެންތަނަކަށް ނޫނެވެ.
ސުވާލަކީ ރަމަޟާން މަހުގެ 25 ދުވަސް ފާއިތުވެގެން ދިއައިރު ތިބާއަށް ޞިރާޠުމަގުގެ އައްސޭރިއާއި ހަމައަށް ވެސް ވާޞިލުވެވބިއްޖެ ކަމަށް ޤަބޫލުކުރަން ހެއްޔެވެ؟ ކޮންމެހެން އެހެން މީހަކާއި މަޝްވަރާކޮށް ޖަވާބު ހޯދަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތެވެ. ތިބާއަށް ކުރެވުނު މަސައްކަތުގެ މިންވަރު އެންމެ ރަނގަޅަށް އެނގޭނީ ވެސް އެމީހަކަށް ކަމުގައިވާތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤަބޫލުކުރަން ބޭނުންވި ނަމަވެސް އަދި ނުވި ނަމަވެސް މި ރަމަޟާން މަސް ނިމިގެންދާއިރު ދުނިޔޭގެ މުސްލިމުންގެ އާބާދީއަށް ބަލައިފި ނަމަ އެންމެ 10 އިންސައިގެ މީހުންނަށް ވެސް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ކަމަށް ބުނެވޭކަށް ނެތެވެ. ފެންނަ ފެނުމުގައި ގިނަ ބައަކު ހިފީ ހަމަ ބަނޑުރޯދައެވެ. ބަނޑާއި ހިތާއި ގުޅުވައިގެން ހިފާ ރޯދަ ނޫނީ ފުރިހަމަ ރޯދައަކަށް ނުވާނެއެވެ.
މާޔޫސް ނުވާށެވެ! އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ﷲ ތަޢާލާއީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި އެންމެ ދީލަތިވަންތަ އިލާހްއެވެ. ޞިރާޠުމަގުގެ އައްސޭރި އާއި ހަމައަށް ނަމަވެސް ފޯރާތޯ ގަދައަޅައި އަވަހަށް މަސައްކަތް ފަށާށެވެ! ރަމަޟާން މަސް ނިމިގެންދާއިރު އެމީހެއްގެ ފާފަތައް ފޮހެވި ޞިރާޠު މަގު އަތުނުލެއްވިއްޖެ މީހާއީ އެންމެ ބޮޑެތި އަބާއްޖަވެރިންގެ ތެރެއިން ހިމެނިގެންވާ މީހެކެވެ. އެފަދަ މީހުންގެ ތެރޭގައި ނުހިމެނިވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތްތްކެއް ކުރަން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން