މަރުވިއިރު އަތުގައި ކިތަންމެ ގިނަ ފައިސާހުރި ނަމަވެސް މަރުވުމަށްފަހު އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ މަރުވުމަސްފަހު ބޭނުންކުރެވޭނެ ފައިސާއަކީ ޑޮލަރާއި ރިންގިޓާއި އެނޫންވެސް ފައިސާއެއް ނޫނެވެ. ކައްވަޅުން ފެށިގެން ތިމާއަށް ފައިދާކުރާނީ ކުރެވިފައި ހުންނަ ހެޔޮ އަމަލުތަކުންނެވެ. ކުރެވިފައިވާ އަޅުކަމުންނެވެ.
ވީމާ ދުނިޔޭގައި ހުރެ ތިމާގެ އަތުގައި ހުރި ފައިސާއަކީ ހެޔޮ އަމަލަށް ބަދަލުކޮށްލާށެވެ! ޞަދަޤާތް ކުރުމުންނާއި މިސްކިތް އެޅުމާއި ސްކޫލް، މަދުރަސާ ހޮސްޕިޓަލް އެޅުން ފަދަ އާޚިރަތަށް ފައިދާކުރާނެ ކަންކަންކޮށް އަތުގައި ހުރި ފައިސާއަކީ ހެޔޮ އަމަލަށް ބަދަލުކޮށްލާށެވެ! ޞިއްޙަތު ސަލާމަތުން ހުރެވޭ ދުވަސްތަކު ހެޔޮ އަމަލުކުރުން ގިނަކުރާށެވެ. މުސްކުޅިވެ ބަލިކަށިވުމުން ހެޔޮ އަމަލުކުރަން މަޑުނުކޮށް ޒުވާން އުމުރުގައި ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ.
މީސްތަކުންނޭވެ! މިކަމަށް އޮތް އެންމެ ރަނގަޅު މަހަކީ ރޯދަމަހެވެ. ރޯދަވެރިޔާ ކުރާ ހެޔޮ އަމަލުތަކަށް ﷲ ތަޢާލާ ޖަޒާ ދެއްވަވާނެ މިންވަރު ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެކަން ﷲ ތައާލާ މަލާއިކަތުންނަށްވެސް ވަނީ ވަންހަނާ ކުރައްވަވައިފައެވެ. މަލާއިކަތުންނަށް ވެސް އޮތް ހަމަ އެކަނި ކަމަކީ ކުރާ އަމަލުތައް ލިޔުއްވުމެވެ. ޖަޒާ ދެއްވަވާނެ މިންވަރު ލިޔުއްވުމެއް ނެތެވެ.
މީގެ މާނައަކީ ރޯދަވެރިޔާ ކުރާ އަމަލުތަކަށް ޖަޒާ ދެއްވަވާނީ 10ގުނަ، 70 ގުނަ، އަދި 700 ގުނައަށްވެސް ނޫންކަމެވެ. އެ އަދަދު ކަނަޑައެޅުއްވެވުން ޚާއްޞަވެގެންވަނީ ހަމަ ކުރިން ބުނިފަދައިން ﷲ ތަޢާލާއަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން އަހަރެމެން ކެއުން ބުއިމާއި އެހެނިހެން ދުނިޔަވީ ބޭނުންތައް ނުފުއްދައި ކިޔަމަންތެރިކަން އަދާކުރާތީއެވެ. އެކަންކަމަށް ﷲ ތައާލާ ލޯބިވެވޮޑިގަންނަވާވަރު ބޮޑުކަމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން