އޯއައިސީ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޞާލިޙް ސަޢުދިއަރަބިޔާއަށް ފުރާވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އޯއައިސީ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޞާލިޙް ސަޢުދިއަރަބިޔާއަށް ފުރާވަޑައިގެންފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާ ވަޑައިގަންނަވައިފިއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ މައްކާގައެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. 

1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ޤައުމު ބައިވެރިވެއެވެ. މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއްއަހަރުއެވެ. 

ރައީސް އޮފީހުން ބުނެފައިވަނީ އޯއައިސީ ސަމިޓަކީ ސަޢުދީޢަރަބިއްޔާއާއިއެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެއް ކަމަށެވެ. 

 ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ހަމަޖެހިފައިވވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން