19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޢާންމު ޖަލަސާ މާދަމާ ބާއްވާނެކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކަން ހާމަކުރެއްވީ މިރޭގެ ޖަލްސާގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހުގައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ޖޭއެސްސީއަށް މެންބަރަކު ކަނޑައެލުމުގެ ކަންކަން މާދަމާ ކުރިއަށްދާނެ ކަމަށެވެ.
ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ކުރީގެ ރައީސް ޤާސިމް އިބްރާހީމް ކުރެއްވެވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަދި ޤާނޫނު އަސާސީ އިޞްލާހްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުވުމުގައި ޤާސިމް އިބްރާހީމް އަދާކުރެއްވި ދައުރުވެސް ފާހަގަކުރައްވައި ޤާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވައިފައެވެ.
މިރޭ ވެސް ރައީސް ނަޝީދު ވަނީ މަޖިލިސް ކުރިއަށް ގެންދަވާނީ ޤާނޫނު އަސާސީ އާއި އެއްގޮތަކަށް ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި މިނިވަން މެންބަރުންގެ ޙައްޤުތައް ހިމާޔަތްކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ.