އުމުރުން އެންމެ 18 އަހަރުގެ ޒުވާނާ، އަލްހާފިޛް ސުލްޠާން މުޙައްމަދު ލަޠީފަކީ މި ބަރަކާތްތެރި ރަމަޟާން މަހު 3 މިސްކިތުގައި އިމާމްވެ ނަމާދުކުރައްވަމުން ގެންދަވާ ޒުވާނެކެވެ.
އިސްލާމިކް މިނިސްޓްރީގެ ވަޒީފާއެއްގެ ދަށުން މަސައްކަތްކުރައްވާ އަލްހާފިޛް ސުލްޠާން މުޙައްމަދު ލަޠީފް ޢިޝާ ނަމާދު ފިޔަވައި އެހެން ހުރިހާ ނަމާދު ކުރައްވަނީ ފުރުޤާން މިސްކިތުގައެވެ. ޢިޝާ ނަމާދާއި ތަރާވީޙް ނަމާދުކުރައްވަނީ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމް (އިސްލާމީ މަރުކަޒް) ގައެވެ. ދަމުނަމާދު ކުރައްވަނީ ޠައިބާ މިސްކިތުގައެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގެ އިސް އިމާމްކަން ކުރެއްވި ޝައިޚް މުޙައްމަދު ލަޠީފްގެ ދަރިކަލުން އަލްހާފިޛް ސުލްޠާން މުޙައްމަދު ލަޠީފް އެހެން ޒުވާނުންނަށް ކުރައްވަން ބޭނުންފުޅުވާ އިލްތިމާސް އަކީ އެހެން ޒުވާނުން ވެސް ﷲ ތަޢާލާގެ ދީނަށް ޚިދުމަތްކުރަން ގަދައަޅައި މަސައްކަތްކުރަން ފެށުމެވެ.
އަލްހާފިޛް ސުލްޠާން މުޙައްމަދު ލަޠީފް ޤަބޫލުފުޅުކުރައްވާ ގޮތުގައި އެއްވެސް ނަމާދެއް އިމާމްވެ ކުރާނެ އެއްވެސް މީހަކު ރާއްޖެއިން ބޭރުން ގެންނާކަށް މިހާރަކު ނުޖެހެއެވެ. އެކަން ބޭރުގެ އިމާމުންނަށްވުރެ މާފުރިހަމައަށް ކުރެވޭނެ ޤާބިލް ދިވެހިން ރާއްޖޭގައި މިހާރުވެސް އެބަތިއްބެވެ. ބޭނުންވަނީ ކަންކުރަން ކުރިމަތިލުމާއި ފުރުޞަތު ފަހިކޮށްދިނުމެވެ.
(މިފުރުޞަތުގައި މިއަދުނޫހާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބަހައްޓަވައި އެހީތެރިވެދެއްވާ ޝައިޚް މުޙައްމަދު ލަޠީފަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަމެވެ. ޝައިޚް އެވެ. ޝައިޚް އިމާމްވެ ނަމާދުކުރެއްވީ އިސްލާމީ މަރުކަޒުގައެވެ. ޝައިޚުގެ ދަރިކަލުން ސުލްޠާން އެގެންދަވަނީ އެއް ފަހަރާ 3 މިސްކިތުގައި ޚިދުމަތްކުރައްވަމުންނެވެ.
ތިއަ ދެމަފިރިކަނބަލުންނާއި ﷲ ތައާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އެކަލާނގެ ވާގިފުޅާއިއެކު ކިތަންމެ ފުރިހަމައަށްވެސް އަދާކުރައްވައިފީމުއެވެ. ދުޢާއަކީ ޝައިޚް ފަދައިން، ލިބިވަޑައިގެންފަވާ ހުރިހާ ބޭފުޅުންނަކީވެސް ﷲ ތައާލާ މަތިވެރިކުރުމުގައި ދެމިތިއްބަވާނެ ބޭފުޅުން ކަމުގައި މިންވަރު ކުރެއްވެވުމެވެ.)
މިއީ ހަމަ ކޮންމެ މައަކާއި ބަފައަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. މަދުރަސީ ދައުރުން ފެށިގެން ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަން ދީފިނަމަ ދަރިންނަކީ އިސްލާމް ދީން މަތިވެރިކުރާނެ ދަރިން ކަމުގައި ހެދޭނެއެވެ. ރާއްޖޭގައި މިއަދު ވަނީ އެކަމުގެ ފުރުޞަތުތައް ޢާންމުކޮށް ހުޅުވައިލެވިފައެވެ.
ޚަބަރުގެ ވީޑިއޯ: