ރާއްޖޭގެ ރައްޔިތުންގެ ފަރާތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހާއިއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިކަން ހާމަކުރައްވާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި 19 ވަނަ މަޖިލީހުގެ ރައީސަކަށް ރައީސް މުޙައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބް ރައީސަކަށް އީވާ ޢަބްދުﷲ، ޕީޖީ ގްރޫޕުގެ އިއްތިފާޤުން ފާސްކުރުމުން އެ ދެ ބޭފުޅުންނަށާއި ޕީޖީ ގްރޫޕަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިބަސްފުޅުން އެނގިގެންދަނީ ރައްޔިތުންގެ މަޖިލީހާއިއެކު އެމަނިކުފާނު ސަރުކާރު މަސައްކަތްކުރަމުން ގެންދާނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުކުރި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަމެވެ. ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރައްވަވާނެ ކަމެވެ.