ދީނާއި ދުރުވުމުގެ އެއްބައަކީ ދީނަކީ ހަމައެކަނި ﷲ ތަޢާލާ އާއި މީހާ އާއި ދެމެދުގައި އޮންނަ ގުޅުމެއްކަމަށް ބަލައި ދިރިއުޅުމުގެ އެންމެހައި ކަންކަމުން ދީން އެއްކިބާ ކުރުމެވެ. މިބާވަތުގެ ފިކުރުގެ މީހުންނަށް އަޅުގަނޑުމެން ކިޔަނީ ލާދީނީ މީހުން، ނުވތަ ސެކިޔުލާ ވިސްނުމުގެ މީހުންނެވެ.
މިމީހުންނަކީ ދިރިއުޅުމުގެ ކަންކަމުގައި އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަމަށް ދީން ބަސްބުނަން ޖާގަ ދޭން ބޭނުންވާ ބައެއް ނޫނެވެ. އެއީ ޤާނޫނުތައް ހެދުންކަމަށްވީނަމަވެސް، ވެރިކަމުގެ ކަންކަން ހިންގުން ކަމުގައިވީނަމަވެސް ޝަރުޢީ ނިޒާމް ހިންގުން ކަމަށްވީނަމަވެސް، އިގްޠިޞާދާއި މުޢާމަލާތުކުރުން ކަމުގައިވީނަމަވެސް ތައުލީމް ދިނުން ކަމުގައިވީނަމަވެސް އަދި އިޖުތިމާޢީ އެކިއެކި ކަންކަން ކަމުގައިވީނަމަވެސް އެމީހުން ދެކެނީ ދީނަށް އެއްވެސް ފުރުޞަތެއް ލިބިގެން ނުވާނެ ކަމަށެވެ. އެމީހުން ދެކެނީ ދީން އޮންނަން ޖެހޭނީ ގޭތެރޭގައި ނުވަތަ މިސްކިތުގައި ކަމަށެވެ.
މުސްލިމުންގެ ތެރޭގައިވެސް މި ފިކުރަށް ތާއީދުކުރާ ބައަކު އުޅެއެވެ. ނަމަވެސް މިފިކުރަކީ ފައްޅިތަކުގެ ފާދިރީންގެ ނުފޫޒު މުޅި މުޖުތަމައުއަށް ފޯރައި ޢިލްމު ހޯދުމާއި އެނޫންވެސް ދުނިޔަވީ ކަންކަމުގައި ހުރަސް އެޅިގެން ދިއުމުން އެއިރު މުޖުތަމައުގައި ތިބި މީހުންގެ ފަރާތުން ރައްދު ޙަރަކާތެއްގެ ގޮތުގައި ކުރިމަތިވި ކަމެކެވެ. އެހަރަކާތުގެ ތެރެއިން ސީޒަރަށްވީ އެއްޗެއް ސީޒަރަށް، ﷲ އަށް ވީއެއްޗެއް ﷲ އަށް ކަމަށް ބުނެ ދީން އެއްކިބާކޮށްލީއެވެ. ދުނިޔޭގެ ދިރިއުޅުމުގެ ތެރެއަށް ދީން ނުބެއްސީއެވެ.
އަޅުގަނޑުމެންގެ އިސްލާމް ދީނަކީ އެފަދަ ދީނެއް ނޫނެވެ. އިސްލާމް ދީނަކީ ދިރިއުޅުމުގެ ޙަޔާތުގެ ވަރުގަދަ މަންހަޖެކެވެ. ދިރިއުޅުމުގެ ޙަޔާތުގައި ދީން އަޅުގަނޑުމެންނާއިއެކު ނުއަންނާނެ އެންމެ ވަގުތުކޮޅެއްވެސް ނުއަންނާނެއެވެ. "އަޅުގަނޑުމެން ނިދަން އޮށޯތީންސުރެ ނިދީން ހޭލެވެންދެން، ނިދިން ހޭލައިގެން ގޮސް ފާޚާނާއަށް ވަން ނަމަވެސް އަޅުގަނޑުމެންގެ ފަހަތުން ދީން ދާނެ. މަގުމައްޗަސް ނުކުންނައިރު ދީން އަންނާނެ. މަސައްކަތް އޮފީހަށް ވަންނައިރު ވެސް އަޅުގަނޑުމެންނާއިއެކު ދީން ދާނެ. އަޅުގަނޑުމެން މަހަށް ދިއަ ނަމަވެސް އަޅުގަނޑުމެންނާއިއެކުގައި ދީން ދާނެ. ވީމާ ބައެއް ކަންކަމުގައި ތަފްޞީލުކޮށް އަނެއްބައި ކަންކަމުގައި ޖުމުލަކޮށް ބަޔާންކޮށް ދެއްވަވާފަ އެބަހުރި. ކީރިތި ޤްރުއާނާ ރަސޫލް (ޞޢވ)ގެ ސުންނަތުގައި އެކަންކަން ވަނީ ބަޔާންކުރައްވަވާފަ. ދީނީ އިލްމުވެރިން ގެންދަވަނީ ކޮންމެ ކަމެއްވެސް ކުރަންވީ ގޮތުގެ ޙުކުމްތައް އެބޭކަލުންގެ އިއިއްތިހާދުން ގެނެސް ދެއްވަމުން."
އިސްލާމް ދީނުގެ ޙުކުމްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން އެނގޭނީ ކައުނުގައި ﷲ ތަޢާލާ ލައްވަވާފައިވާ ހުރިހާ އެއްޗެއް ދިރާސާ ކުރުމުންނެވެ.
- މިރޭގެ އިޙްޔާ ފޯރަމްގައި ޑރ. ސަޢްދުﷲ ޢަލީ ދެއްވި ދަރުސުން