ރޯދައަށް ހުންނައިރު ރުޅި ގަދަވަނީ ބޭރުފުށުން ރޯދަހިފާތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ރޯދައަށް ހުންނައިރު ރުޅި ގަދަވަނީ ބޭރުފުށުން ރޯދަހިފާތީއެވެ!

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ބައެއް މީހުން ހެނދުނު ހޭލާއިރު އެމީހާގެ ރޯދަ ގޭގެ ކާމޭޒު ފުރޭވަރުގެ ކޭކެއްހައި ބޮޑެވެ. ދެން ދުވަސް ފާއިތުވަމުންދާ ވަރަކަށް އިރުއިރުކޮޅުން ރުޅިގަދަވެއެވެ. ރުޅިގަދަވާ ކޮންމެ ފަހަރަކު ކޭކުން ފޮތްޗެއް މަދުވެއެވެ. އެގޮތަށް މަދުވަމުން ގޮސް ރޯދަ ވީއްލަން މޭޒު ބޭނުންކުރަން ޖެހޭއިރު ކޭކު އޮންނަނީ އެކުގައި ހުސްވެފައެވެ. މޭޒު ސާފުވެއެވެ." 

ރުޅިއަކީ އިންސާނުންގެ އެންމެ ބޮޑު ދުޝްމިނެވެ. އިބިލީހުގެ އެންމެ ގާތް މިތުރެވެ. އެހެނީ އިންސާނުންނަށް ލިބިފައިވާ އެންމެ ބޮޑެތި ދެރަތައް ގިނަ ފަހަރު ލިބިފައިވަނީ ރުޅި ކޮންޓްރޯލް ނުކުރެވިގެން ކުރެވޭ ކަންކަމުންނެވެ. މިފަދަ ކޮންމެ ދެރައެއް މީހަކަށް ލިބުމުން ޝައިޠާނާ ނުވަތަ އިބިލީސް، އެކަމަށްޓަކައި ހީނ، އުފާކޮށް އަތްޖަހާނެއެވެ. 

ރޯދައަށް ހުންނައިރު ރުޅިގަދަ ވަނީވެސް އަދި ރޯދައަށް ގެއްލުންދޭ އެހެން އަމަލުތައް ކުރަނީވެސް ބޭރުފުށުން ރޯދަ ހިފާތީއެވެ. ރޯދަ، ރޯދައިގެ ގޮތުގައި ހިފައިގެން ހުންނަ މީހާ، އޭނާގެ ރޯދައަށް އުނިކަމެއް ލިބިދާނެ އެއްވެސް އަމަލެއް ނުކުރާނެއެވެ. އަބަދުވެސް ހުންނާނީ އެފަދަ އަމަލެއް ކުރެވިދާނެތީ އިންތިހާއަށް ބިރުންނެވެ. 

މީސްތަކުންނޭވެ! ބޭރުފުށުން ހިފާ ރޯދަ ކަމަށް މިފަހަރު މިބުނަނީ ކޮންމެހެން ދުވާލުގެ ވަގުތުތަކުގައި ކައިގެން އެމީހަކު ހުންނަ ވާހަކައެއް ނޫނެވެ. ބޭރުފުށުގެ ރޯދަ މިމާނަ ކުރަނީ ރޯދަ އާއިމެދު ހިތުގައި އޮންނަންޖެހޭ އަހަންމިއްޔަތުކަން ނެތި ރޯދަ ހިފާ މީހުންނަށެވެ. އެހެން އިބާރާތަކުންނަމް ރޫޙާނީ ބައި ނެތި ނުވަތަ ރޫޙާނީ ބައި ކުޑަކޮށް ބާއްވައިގެން ރޯދަހިފާ މީހުންގެ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޯދައިގެ ހިކުމަތަކީވެސް ހިތް ޠާހިރު ކުރުމެވެ. ވީމާ ރޫޙާނީ ބައި ކުޑަކޮށްލައިގެން ހުރެ ރޯދަ ހިފަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުކުރުނަ ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. 

ރޯދައަށް ހުންނައިރު މީހަކު އައިސް އެއްޗެތި ކީ ނަމަވެސް އެމީހާއަށް ރައްދު ދިނުމެއް ނެތެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ތިމާ މިހުރީ ރޯދައަށް ކަމުގައި ބުނެލުމެވެ. އެއީ އޭނާއަށް އެކަން އަނގައިލުމުން އޭނާވެސް އެކަމަށް އިޙްތިރާމްކޮށް ރުޅި މަޑުކޮށްފާނެ ކަމަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން