މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ގްރޫޕުތަކް ހުއްދަދިން ގޮތާއިމެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
މިމައްސަލައާއި ގުޅިގެން މިއަދުގެ ބޭއްވި އިބްތިދާއީ ފުރަތަމަ އަޑު އެހުމުގައި ވަނީ ދެ ފަރާތުގެ ލިޔެ ކިޔުންތައް ހުށަހަޅާފައެވެ.
ސިސިލްފަރުން ދައުވާ ކުރާ މައްސަލާގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށާއި އެހްނަކަމުން އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށް ވަނީ އެދޭކަމަށެވެ. އަދި މިމައްސަލަ ކޯޓުން ނިމެންދެން، ޙައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ސިސިލްފަރުން ވަނީ އެދިފައެވެ.
މިމައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުން ފަށާފައިވަނީ ވޭތުވެދިޔަ 35 އަހަރުވެސް ރާއްޖެއިން މީހުން ހައްޖަށާއި އުމްރާއަށް ގެންގޮސްދީފަ ސިސިލްފަރު ގްރޫޕާއި އިސްލާމިކް މިނިސްޓްރީއާ ދެމެދުގައި ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތުން ހައްލެއް ނުލިބުމުންނެވެ.
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 6 ކުންފުންޏަކަށެވެ.