ޤައުމުގައި ހިނގަމުންދާ މުންކަރާތްތައް ދަނީ އިތުރުވަމުން ކަމަށާއި އެހެންކަމުން އެ މުންކަރާތްތައް ހުޢްތުވުމަށްޓަކައި ޢާއިލާތަކުންނާއި ސަރުކާރުން ގަދައަޅައި މަސައްކަތް ފެށުމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ގޮވާލައްވައިފިއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި މިއަދުގެ ހުކުރު ނަމާދު އިމާމްވެ ކުރައްވަމުން އަމިއްލަފުޅަށް ވިދާޅުވި ޚުޠުބާގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ގޭތެރޭގައި ހިންގާ ނުބައި ކަންކަން ހުއްޓުވަން ގޭތެރެއިން، ޢާއިލާގެ މީހުންނަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ހަމަ އެއާއިއެކު ޤައުމުގައި ހިންގާ ނުރަނގަޅު އަމަލުތައް ހުއްޓުވަން މަސައްކަތްކުރަން ސަރުކާރަށް ޖެހޭނެ ކަމަށެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަކީ އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަން ކަމަށެވެ. އެހެންކަމުން ކަންކަން އިޞްލާޙްކުރަން ޢާއިލީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް ނަޞޭޙަތްތެރިވެ އިޞްލާޙުކުރުމުގެ މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ހަމައެއާއިއެކު މުންކަރާތްތައް ހުއްޓުވަން، މުޖުތަމައު އިޞްލާޙްކުރުމުގެ ޒިންމާ އުފުލަން ޖެހޭ ދައުލަތުން ނުވަތަ ސަރުކާރުން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މީސްތަކުން ނަމާދު ނުކޮށް ތިބޭނަމަ، ނަމާދު ވަގުތު މިސްކިތް ކައިރިން ބައްދަލުވާ މީހުންނަށްވެސް ނަޞޭޙަތެރިވެ ނަމާދުކުރަން ހިތްވަރުދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. ޢާއިލާގެ މީހުން ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި ގާތް އެކުވެރިންނަށް ވެސް ނަމާދުކުރަން ހިތްވަރުދޭން ޖެހޭނެ ކަމަށެވެ.