ކިތަންމެ މީރުކޮށް ކެއި ނަމަވެސް ބޭރުވެގެންދާނީ ނަޖިހުގެ ގޮތުގައެވެ! ދާއިމަށް ދެމިހުންނާނީ ކުރާ ހެޔޮ އަމަލުތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކިތަންމެ މީރުކޮށް ކެއި ނަމަވެސް ބޭރުވެގެންދާނީ ނަޖިހުގެ ގޮތުގައެވެ! ދާއިމަށް ދެމިހުންނާނީ ކުރާ ހެޔޮ އަމަލުތަކެވެ!

ﷲ ތައާލާ ތަނަވަސްކަން މިންވަރު ކުރެއްވެވުމުން ރަމަމާން މަސް އަހަރެމެން މިހަދަނީ ވީހައި މީރުކޮށް ކެއުމުގެ ޢީދަކަށެވެ. ކާނާގެ ތަފާތު ބައިތައް ހޯދަން އުޅެންޖެހުންނާއި ކައްކަން ހޭދަކުރަންޖެހޭ ވަގުތު ގިނަކަމުން މިއުޅެނީ އަޅުކަންކޮށްލާނެ ވަގުތުކޮޅެއް ނުލިބިގެންނެވެ. އެހެންކަމާއިއެކުގައިވެސް އަހަރެމެން މިބުނަނީ އަހަރެމެންނަކީ ރޯދަ ހިފާ ބައަކު ކަމުގައެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް (ޞޢވ) އާއި އިތުރު މާތް ނަބިއްޔާގެ ޞަހާބީން އުޅުއްވެވި ގޮތަށެވެ. އެބޭކަލުން ރޯދަ ހިއްޕެވީ ކޮން ފަދަ ބޮޑު ނިކަމެތި ކަމުގައި އުޅުއްވަވަމުން ހެއްޔެވެ؟ އަހަރެމެން އެނމެ ރެއަކު ކައި މިއުޅޭ މިންވަރަށް އެއިން ބޭކަލަކު މުޅި ރަމަޟާން މަހުގައިވެސް ފަރިއްކުޅުއްވެވިކަން އެނގޭކަށް ނެތެވެ. 

އެހެންކަމާއިއެކުގައިވެސް އެބޭކަލުން ކަންބޮޑުވެވަޑައިގެން އުޅުއްވެވީ އަޅުކަން ނުކުރެއްވިދާނެތީއެވެ. ވާދަކުރެއްވެވީ އަޅުކަން ކުރެއްވެވުމުގައެވެ. ތިއްބެވީ ﷲ ތާޢާލާއަށް ޛިކުރު ކުރެއްވެވުނަ މަތީގައެވެ. ދުޢާ ކުރެއްވެވުން މަތީގައެވެ. ކޮން ކަމަކަށް އެދިވަޑައިގެން ކަމަށް ހެއްޔެވެ؟ އެބޭކަލުން ރަމަޟާން މަހު ކުރައްވަވާ އަޅުކަންތައް ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެނެވެ. ހިއްޕަވާ ރޯދަ ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެނެވެ. ގެކޮޅުތަކުގައި މީރު ފަރިއްކޮޅުތައް ނެތިގެން މީރުހައި ތަކެއްޗަށް އެދިވަޑައިގެނެއް ނޫނެވެ. 

މީސްތަކުންނާށެވެ. ލިބުނު ވަރަކުން މީރުތަކެތިވެސް ކައިބޮއިހަދާށެވެ. ނަމަވެސް ރޯދަމަހު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކަށް މީރުހައި ތަކެތި ކެއުން ނުހަދާށެވެ. ވީވަރަކުން ޞަދަޤާތް ކުރާށެވެ. މީރުހައި ތަކެތި ކެއުމުން އެތަކެތި ހަށިގަނޑުން އިސާހިތަކު ބޭރުވެގެންދާނީ ނަޖިހަށް ބަދަލުވެގެންނެވެ. ޞަދަޤާތެއް ކޮށްފިނަމަ ނުވަތަ ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ދުވަހަކު ތިބާ އާއި ވަތްކެއް ނުވާނެއެވެ. މިދުނިޔެއާއި ޢާޚިރަތުގައި ތިބާ އާއިއެކު ދެމިހުންނާނެއެވެ. ވީމާ ރަމަމާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މިކަންކަމާއިމެދު އިތުރަށް ވިސްނާށެވެ! އަހަރެމެންނާއި ބައްދަލުކޮށްފައި މިވާ ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙަޤީޤީ ރޯދަވެރިންނަކީވެސް ކާމިޔާބު މީހުންނަކީ ވެސް ހަމައެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން