ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދިނީ އުސޫލާ އެއްގޮތަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އެ މިނިސްޓްރީން އަމަލުކުރީ ގޯސްކޮށް ކަމަށް ބުނެ އެ މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ދަނދިވަޅެއްގައެވެ.
އިސްލާމިކް މިިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ހުއްދަ ދިނުމުގައި އެ މިނިސްޓްރީން އަމަލުކުރި ގޮތާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެއްވެސް ކަމެއް ސިއްރު ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށާއި މިކަން ކުރީ ނަޒާހަތްތެރިކަމާ އެކު ކަމަށް ޝާފިއު އަލީ ވަނީ ވިދާޅުވެފައެވެ.
ޝާފިއު އަލީ ވިދާޅުވީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ޕޮއިންޓް ދޭނެ އުސޫލުތައް ކުރިން ވެސް އިއުލާން ކޮށްފައިވާނެ ކަމަށާއި އެކަމުގައި އަމަލުކުރީ އެ އުސޫލަށް ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ފަސް ކުންފުންޏާ އެކު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.