ޝައިޚް މުޙައްމަދު މަންޞޫރު މަސްޖިދު މުޙައްމަދު ޖަމީލްގައި އިއްޔެ ދެއްވެވި ދަރުސް ތަފާތުކޮށްލެއްވެވުމުން ކުޑަކުދިންގެ ތަރްޙީބް އިތުރުވެއްޖެކަން ފާހަގަކުރެވެއެވެ.
ޝައިޚް މުޙައްމަދު މަންޞޫރު މަސްޖިދު މުޙައްމަދު ޖަމީލްގައި އިއްޔެ ދެއްވެވި ދަރުސްގައި ވަނީ ދަރުސް އަޑުއަހަން ތިބި ކުޑަކުދިން ބައިވެރި ކުރައްވައިފައެވެ. އެގޮތުން ޝައިޚް މަންޞޫރު ވަނީ ދަރުސްގައި ކުޑަ ކުދިންނަށް މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން ރޯދައަށް ތިބޭއިރު ކުޑަކުދިންވެސް އެކުދިންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދަންނަވައި ދުޢާ ކުރުމަށް ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މައިން ބަފައިންނަށްޓަކައި ހެޔޮ ދުޢާ ކުރުމަށްވެސް އިލްތިމާސް ކުރެއްވެވިއެވެ. "ތިއަކުދީންވެސް" ވިދާޅުވެ ކުޑަކުދިންނާއި ތަކުރާރުކޮށް މުޚާޠަބް ކުރެއްވެވުމުން އެކުދިންގެ ސަމާލުކަން ވަގުތުން ލިބިގެން ދިއަކަން އެ ވަގުތުވެސް ފާހަގަކުރެވުނެވެ.
މިއަދުގެ ދަރުސްގައި ބައިވެރިވި ކުޑަކުދިންގެ އަދަދު އިތުރުވެގެން ގޮސްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައިވެސް ފާހަގަކުރެވެއެވެ.