ރަމަޟާން މުބާރިކް! ކިޔުމުގެ ކުރިން ދެމަފިރިންގެ ހިތް ސާފުކުރުމަކީ ބަރަކާތް އިތުރުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ރަމަޟާން މުބާރިކް! ކިޔުމުގެ ކުރިން ދެމަފިރިންގެ ހިތް ސާފުކުރުމަކީ ބަރަކާތް އިތުރުވާނެ ކަމެއް!

"ލޯބިވާ ބައިވެރިޔާއެވެ! އަހަރެންގެ ހިތް ތިބާއަށްޓަކައި ވަރަށް ސާފެވެ! ކަލާގެ ހިތްވެސް އަހަރެންނަށްޓަކައި ސާފުކަމަށް އުންމީދުކުރަމެވެ! ކަލާއަށް ކުރެވިފައިވާ ހުރިހާ ކުށަކަށް މަޢާފަށް އެދުމަކާއި ނުލައި މަޢާފްކޮށްފީމެވެ. އަހަރެންނަށްވެސް ކުށެއް ކުރެވިފައިވާނަމަ އެކަށުކަށް މަޢާފަށް އެދެމެވެ! ރަމަޟާން މުބާރިކް!"

"ރަމަޟާން މުބާރިކް!" ކިޔަން ކިހައި ރިވެތި ގޮތެއްތޯއެވެ! އެއް ދޮނުގައި އެތައް ބުޅިއެއް ޖެހުނީއެވެ. އިސްވެ މަޢާފް ކުރުމަކީ އެންމެ މާތްކަން ބޮޑު ގޮތެވެ. މަޢާފަށް އެދުމަކީ އެހައިމެ ގިނަގުނަ ސަވާބު ދެއްވަވާ ކަމެކެވެ. ނަތީޖާއަކީ ﷲ ތަޢާލާގެ ރަޙްމްތްފުޅާއި ބަރަކާތް އިންތިހާއަށް އިތުރުވެގެން ދިއުމެވެ.

މިފަދަ ގޮތަކަށް ރަމަޟާން މަހާއި ކުރިމަތިލުން ކީއްހެއްޔެވެ؟ ޔަޤީނުންވެސް އެނގޭ ކަމަކީ ދެމަފިރިން އެކަކު އަނެކަކަށް ހިތް ސާފުކޮށް، މަޢާފް ކުރުމާއިއެކު ރަމަޟާންމަހާއި ކުރިމަތިލައިފިނަމަ ބަރަކާތް އިތުރުވާނެއެވެ.

މުސްލިމުން އެކަކު އަނެކަކަށް ހިތް ސާފުކޮށް މަޢާފް ކުރަންވީ އަދި މަޢާފަށް އެދެންވީ ކޮންމެހެން ކުށެއް ކުރެވިފައި އޮވެގެނެއް ވެސް ނޫނެވެ. އެކަމުގެ ދަލީލަކީ އެއްވެސް ކުށެއް ނެތިމެ ކޮންމެ ދުވަހަކު މަދުވެގެން 70، 100 ފަހަރު ރަސޫލް (ޞޢވ އިސްތިޣްފާރު ކުރައްވަވަމުން ގެންދެވިކަމެވެ! އަދި ގިނަގިނައިން އިސްތިޣްފާރުކުރުމަށް އުންމަތަށް އިރުޝާދު ދެއްވަވާފައިވާ ކަމެވެ.

ހަމައެކަނި ދެމަފިރިންނެއްވެސް ނޫނެވެ! ޢާއިލާގެ އެންމެންވެސް އެކަކު އަނެކަކަށް ހިތް ސާފުކުރާށެވެ! މަޢާފް ކުރާށެވެ! ގޭތެރެއިން ތަފާތު ފެނިގެންދާނެއެވެ.! ގޭތެރޭގެ މައްސލަތައް މަދުވާނެއެވެ. ރިޒްޤް ތަނަވަސްވާނެއެވެ! އިން ޝާ ﷲ!

އެވަރުންވެސް ނިންމައި ނުލާށެވެ! ރައްޓެހި ރަހްމަތްތެރިންނަށް ރަމަޟާން މުބާރިކް ކިޔުމުގައިވެސް މި ރިވެތި ގޮތް އިޚްތިޔާރު ކުރާށެވެ! ނަތީޖާ ފެނިގެންދާނެއެވެ! އިން ޝާ ﷲ!

މިފަދަ ގޮތަކަށް ރަމަޟާން މުބާރިކް ކިޔުމަކީ ގަނެފައި ދެވޭ ހަދިޔާއަކަށްވުރެ މާ އަގުބޮޑު އެއްޗަކަށްވެގެންދާނެ އެވެ. ހިތް ސާފުކުރުމަށްވުރެ އަގު ބޮޑު ހަދިޔާއެއް ނެތުމުންނެވެ! މިއަދުނޫހުގައި އިއްޔެ ޝާއިޢުކުރި ލިޔުމެއް:

ރަމަޟާން މަސް ފެށެން އެންމެ 2 ދުވަހަށް ނުވަތަ ދުވަހަކަށް ކައިރިވީއެވެ. މިހިސާބަށް އައިއިރު މުސްލިމުންގެ ގިނަ ބައަކު ތިބޭނީ ރޯދަ ހިފަން ފަށަން ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެހެންކަމުން މިބުނާ ކަންކަން ކުރެވުނުތޯ ބަލައިލުން އެދެމެވެ.

ފުރަތަމަ ކަމަކީ ހިތް ސާފުކުރެވުނުތޯއެވެ! ހިތް ސާފުކުރުމަކީ ހިތުގައި ހުރި ބުރަތައް ފިލުވައިލުމެވެ. އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބޭއްވުމެވެ. މީސްމީހުންނާއިމެދު އުފެދިފައިވާ އުދާސްތައް ބޭރުކޮށްލުމެވެ. އެކަންކަމަށް މަޢާފްކޮށްފައި ހިތް ސާފުކޮށްލުމެވެ.

ޚާއްޞަކޮށް އެމީހެއްގެ ޢާއިލާގެ މީހަކަށް އެއްވެސް ހިތް ބުރަކަމެއް ނުބާއްވާށެވެ. އަނިބިމީހާއަށް ވެސް ފިރިމީހާއަށް ވެސް އަދި ޢާއިލާގެ އެއްވެސް މީހަކަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާށެވެ. ހުރިހާ ކަމަކަށް މަޢާފްކުރާށެވެ. އެހެނީ ރޯދައަށް ހުންނައިރު މިފަދަ ކަންކަމަށް ވިސްނުމަކީ ރޯދައިން ބައެއް އުނިވެގެން ހިނގަިދާނެ ކަމަކަށްވާތީއެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުންނެވެ.

އަހަރެމެންގެ ހިތްތައް ފެނުން ދޮވެ ސާފުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިތް ސާފުކުރެވޭނީ އަހަރެމެންގެ އަމަލުތަކުންނެވެ.

މިކަންކަމާއިއެކު ރަމަޟާން މަސް ކާމިޔާބުކުރަން އިތުރު ހިތްވަރާއިއެކު ހިތުގައި ޢަޒުމް ކަނޑައަޅަން ޖެހެއެވެ. އަދި އެ އަޒުމް ތަންފީޒުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ރަމަޟާން މަހަށް ހިތް ތައްޔާރުކުރުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން