ދިރާސީ އަދި ޢިލްމީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ޖުމްލަ 870,000 ރުފިޔާގެ 5 ގްރާންޓް ސްކީމެއް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިޢުލާންކޮށްފިއެވެ.
އައިޔޫއެމްއިން ތަޢާރަފުކުރި މި ސްކީމްތަކުގެ ތެރޭގައި ހިމެނެނީ ރިސާރޗް ޕްރޮމޯޝަން ގްރާންޓް، އިނޮވޭޝަން ގްރާންޓް، ފޮތް ޝާއިޢުކުރުމުގެ ގްރާންޓް، ޕޯސްޓް ގްރެޖުއޭޓް ރިސާޗް ގްރާންޓް އަދި ކޮންފަރެންސް ޓްރެވަލް ގްރާންޓެވެ. މި ފަންޑުތަކުގެ މައިގަނޑު މަޤްޞަދަކީ އެ ޔުނިވަރސިޓީގެ ދިރާސާތައް އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނާއި މުވައްޒަފުންގެ ޢިލްމީ ތަޖުރިބާ ތަރައްޤީކުރުމެވެ.
މި ގްރާންޓްތަކުގައި ޚާއްޞަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ސްޓަޑީޒް، އިކޮނޮމިކްސް، ހިއުމަން ސައިންސް، ޤާނޫނު، ޓެކްނޮލޮޖީ އަދި ތަޢުލީމީ ދާއިރާ ފަދަ މުހިންމު ދާއިރާތަކަށެވެ.
މި ސްކީމްތަކުގެ ދަށުން ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.