ފަގީރުންނަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް: އިސްލާމިކް މިނިސްޓްރީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ފަގީރުންނަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް: އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ފުރަތަމަ ފަގީރުންނަށް ބެހުމަށްފަހު، ބާކީވާ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ އެމިނިސްޓްރީން ނެރުނު އިއުލާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުން ކަމަށާއި ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރުކަމަށާއި މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:45 އިން 13:00 އަށް އަދި ރަމަޟާން މަހު ހެނދުނު 09:30 އިން 12:00 އަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް އެދިފައެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހަނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނ ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހު ކަމަށެވެ. 

ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު އަދި ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން