މުވައްޒިފުންނާމެދު އިންޞާފުވެރި ނުވާމީޙުންގެ ދަރަޖަ ﷲ ތިރިކުރައްވަވާނެ! - އާޚިރަތުގަ ވެސް ހިތާމަކުރަން ޖެހޭނެ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
މުވައްޒިފުންނާމެދު އިންޞާފުވެރި ނުވާމީޙުންގެ ދަރަޖަ ﷲ ތިރިކުރައްވަވާނެ! - އާޚިރަތުގަ ވެސް ހިތާމަކުރަން ޖެހޭނެ!: މުފްތީ މެންކް

މީހަކަށް ތަނަވަސްކަން ލިބުމުން އެމީހާގެ ވަޒީފާގައި ގިނަ ބައަކު މަސައްކަތްކުރެއެވެ. އެފަދަ މީހުންނަކީ ހަމަ އެކަނި ވަޒީފާގައި ގެންގުޅޭ ބައެއް ކަމަށް ނުވަތަ އެއީ ތިމާ ގަނެފައި ތިބި އަޅުންކަމަށް ދެކޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެފަދަ މީހުން އެ ވިސްނަނީ އިސްލާމް ދީނުގެ އިންތަކުން މާބޮޑަށް ބޭރުންނެވެ. 

އިސްލާމީ އުޞޫލުން ބަލާއިރު އެފަދަ މީހުންނާއިމެދު ދެކެން ޖެހޭނީ އެއީ ހަމަ ތިމާފަދައިން ތިމާގެ މަސައްކަތުގެ ބައިވެރިން ކަމަށެވެ. ތިމާގެ އަމިއްލަ ވަޒީފާގައި ގެންގުޅޭ މީހުންނަށް ނުވަތަ އެއީ ތިމާއަށް ދެއްވަވާފައިވާ މަޤާމެއްގެ ސަބަބުން ތިމާގެ ދަށުން މަސައްކަތް ކުރަން ޖެހޭ ބައަކު ނަމަވެސް އެމީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތަންވާނެއެވެ. 

ތިމާގެ ދަށުން މަސައްކަތްކުރާ މީހުންނާއިމެދު ބޭއިންސާފުން ކަންކަންކޮށް ހަޑިހުތުރު ބަސްތައް ބުނާނަމަ އެމީހަކަށް ދެއްވެވި ނިޢްމަތް ގެއްލިގެން ހިނގައިދާނެއެވެ. އެހެނީ އެފަދަ މީހުންނަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ލިބޭނީ ކޯފާއެވެ. 

ތިމާގެދަށުން މަސައްކަތްކުރާ މުވައްޒިފުންނަކީ މުސްލިމުން ކަމުގައި ނުވާނަމަ އެމީހުންނަށް ހެޔޮކޮށް ހިތުން އިތުރުކުރަންވާނެއެވެ. އެމީހުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އިތުރުވާނީ އެއިރުންނެވެ. ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމުން އިސްލާމް ދީން ޤަބުލުކުރާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. 

ހަމަ އެއާއިއެކު ވިސްނަން ޖެހޭނެ އޯގާތެރިވުމާއި ހެޔޮކޮށް ހިތުމަކީ އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސްކަމެވެ. ވީމާ މަސައްކަތުގެ ގޮތުގެ ގޮތުންވެސް އަދި ތިމާގެ ގޭގައި ނަމަވެސް ވެރިކަމުގެ ބާރެއް ލިބިއްޖެ ނަމަ ބޭނުންކުރަންވާނީ ހެޔޮ ގޮތުގައެވެ. ހަރުކަށި ގޮތުގައި އަމަލުކޮށް ދުލުން ނުބައި ބަސްތައް ބުނެގެން ނުވާނެއެވެ. 

މިބުނި ގޮތާއި ޚިލާފަށް އަމަލުކުރާނަމަ އެކަމުގެ ހިތާމަކުރަން ޖެހޭ ދުވަހެއް އަންނާނެއެވެ. މިދުނިޔޭގައި ނައިނަމަ އާޚިރަތުގައިނަމަވެސް ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ. ގިނަ ފަހަރު އޮންނަނީ މިދުނިޔޭގައިވެސް ހިތާމަކުރަން ޖެހިފައެވެ. 

ތިމާގެ ދަރަޖަ މަތިވާ ވަރަކަށް ހިތްތިރިކުރާށެވެ. އެކަމުގައި ރަސުލު ބޭކަލުން ވަނީ ނަމޫނާ ދައްކަވައިފައެވެ. ވީމާ އަހަރެމެން އެންމެންވެސް މަސައްކަތްކުރަން ޖެހޭނީ އެމަގުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން