އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގަ މައްސަލަހުރިކަން ޚާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގަ މައްސަލަހުރިކަން ޚާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ

ރާއްޖޭގައި ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމަށްބުނެ މިމަހުގެ 2 ވަނަ ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި މައްސަލަތަކެއް އެބަހުރިކަން ހަމަ އެދުވަހު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަންކަން ވީހައި އަވަހަކަށް ރަނގަޅުކުރާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން އެ ބަޔާން އެގޮތަށް ނެރެވުމަކީ ކުރެވުނު ކުށެއް ކަމަށް އެމެރިކާއިން ޤަބޫލުކުރާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ސްރީލަންކާގައި ދާދިފަހުން ޓެރަރިސްޓް ހަމަލާތަކެއް ދިނުމާއި ގުޅީގެން ރާއްޖެއިން ކަންބޮޑުވެފައިވަނިކޮށް އެމެރިކާއިން ނެރުނު ޓްރެވަލ އެޑްވައިޒަރީ އާއި ގުޅިގެން ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ރާއްޖޭގެ ބައެއް ރިޒޮޓުތަކާއި ރަށްތަކުގައިވެސް ހަމަލާ ދީފާނެ ކަމަށާއި އަދި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށްވެސް ހަމަލާދީފާނެ ކަމަށް އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވާތީއެވެ. 

އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީ ނެރެފައިވަނީ ލެވެލް 2 ގައެވެ. އަދި ބުނެފައިވަނީ ރާއްޖެއަށް ދާނަމަ ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެން އުޅުމަށެވެ. މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. 

ދުނިޔޭގެ ޙާލަތު މިހާރު އޮތްގޮތުން މިފަދަ ވަގުތަކު މިކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށްވެސް އޮތް މަސްއޫލިއްޔަތެކެވެ. މިފަދަ އެއްވެސް ކަމަކަށް ތުހުމަތު ކުރެވޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތު ވީހައި އަވަހަކަށް ހިއްސާކުރުމަށް ސަލާމަތީބާރުތަކުން ވަނީ އެދިފައެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައިވަނީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށެވެ.

މިއަދު އޮންލައިން