ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަނީ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރުމުގެ ނިޔަތުގައި ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިހެންބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ ފަނޑިޔާރުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރުމުގެ ނިޔަތުގައި ހިންގާ އަމަލުތަކެއް ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސްކުރާކަމަށެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ ދުސްތޫރީ އުސޫލުތަކާ ޚިލާފަށް ފަނޑިޔާރުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި، ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ ކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ބިނާކުރުވަނިވި ފާޑު ކިޔުމުގެ ދާއިރާއިން ބޭރު އަމަލުތަކެއް ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފަށް ކުރެވޭ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ އެކިފަހަރު މަތިން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާގެ ހާލަތު ބެލުމަށް ފަހު، ޝަރުއީ ދާއިރާގެ މައްޗަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެފަދަ ނުފޫޒުތަކުން މިނިވަންވާންޖެހޭ ކަމަށް ބުނެފައިވާއިރު ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަބްދައުއަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް ކަނޑައެޅިފައިވާ މަބްދައުތަކެއް ކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ ކޯޓުތަކާއި ފަނޑިޔާރުންނާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި ކޯޓުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން ކުރެވޭ މަސައްކަތަކީ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކާ ޚިލާފް އަމަލުތަކެއް ކަމަށްވާތީ އެފަދަ ކަންކަން ހުއްޓާލުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.