- މުސްލިމަކު ނުބައި އަމަލެއް ކުރުމަކީ އިސްލާމް ދީނުގެ ޙުކުމްތަކާ އަސާސްތައް ގޯސްވާން ޖެހޭ ސަބަބެއް ނޫން!: ޝައިޚް ޢަލީ ޒައިދު
އެހެން ދީނެއްގެ މީހަކު ކުށެއް ކުރުމުން އެއީ އެމީހާގެ މައްސަލައަކަށްވެފައި މުސްލިމަކު ކުށެއް ކޮށްފިނަމަ އެއީ އިސްލާމް ދީނުގެ މައްސަލައަކަށް ހެދުމުން އެއީ ދެކޮޅު ޖެހޭ ކަމެއް ކަމާއިމެދު ވިސްނައިލަން މިވަނީ ޖެހިފައެވެ.
މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މުސްލިމަކު ނުބައި އަމަލެއް ކުރުމަކީ އިސްލާމް ދީނާ އެދީނުގެ ޙުކުމްތަކާއި އަސާސްތައް ގޯސްވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ އޭނާގެ ނުބައިކަން ކަމަށެވެ. އެއިގެ އިތުރުން ތުބުޅި ލީ ކޮންމެ މީހަކީ އިސްލާމް ދީން ކިޔަވައިގެން ހުރި ޝައީކެއް ކަމަށް ހީކޮށްގެންވެސް ނުވާނެ ކަމަށެވެ. އެގޮތަށް ވިސްނާނަމަ އެކަމުން އެނގެނީ އެފަދައިން ވިސްނާ މީހުންގެ ތަންދޮރު އޮޅުން ނުފިލާކަން ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު މުސްލިމުންގެ ތެރެއިން މީހުން ކޮށް އުޅޭ ކުށްތައް އެހެން ދީންތަކުގެ މީހުންވެސް ކުރެއެވެ. ބޮޑެތި ޖަރީމާތައްވެސް ހިންގައެވެ. ޓެރަރިސްޓް ހަމަލާތައްވެސް ދެއެވެ. ނަމަވެސް އެހެން ދީނެއްގެ މީހަކު މިފަދަ ކިތަންމެ ގިނަ، ބޮޑެތި ކުށްތައް ކުރި ނަމަވެސް އެމީހެއްގެ ދީން ކުށްވެރިކުރާ ތަނެއް ނުފެނެއެވެ.
ސްރީލަންކާއަށް ބަލައިފިނަމަ ހާމުދުރުން އިސްވެ ތިބެ މަގުތަކަށް ނުކުމެ އެތައް ސަތޭކަ މުސްލިމުން ޝަހީދުކޮށްފިއެވެ. އެތައް ހާސް ބައެއްގެ ގެދޮރާއި މުދަލުގައި ހުޅުޖަހައިފިއެވެ. ނަމަވެސް އެއްވެސް ބައަކު އެމީހުންގެ ދީން ކުށްވެރިކުރާ ތަނެއް ނުފެނެއެވެ.
