ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން އިތުރުވުމުން ގޭގައި އަމިއްލަ އަތުން އަހަރެމެންކުރާ އެއްވެސް މަސައްކަތެއް މިހާރު ނެތްއިރު އެފަދަ ހުރިހާ މަސައްކަތްޕުޅުތަކެއް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ކުރެއްވެވީ އަމިއްލަފުޅަށެވެ. ރަސޫލް (ޞޢވ) އިޝާރާތްފުޅެއް ކޮށްލެއްވެވި ނަމަވެސް ހިލޭ ސާބަހަށް އެކަންކަން ކޮށްދެއްވަން ޞަޙާބީން އެދިވަޑައިގެން ތައްޔާރަށް ތިއްބެވިއިރުގައިވެސް މެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދިރިއުޅުއްވެވި ތަންތަނަށް ގަނޑުވަރުކޮޅު އަޅުގަނޑުމެން ކިޔަނީ އެތަންތަން ބިނާކުރެވިފައިވާ ފުރިހަމަކަމުގެ ބޮޑުކަމަކުން ނޫނެވެ. މާރބްލް ޖަހައި ޒީނަތްތެރި ކޮށްފައި ހުރެގެންނެއްވެސް ނޫނެވެ. ހަމަ އެކަނި ހިތުގައިވާ ލޯބީގެ ބޮޑުކަމުންނެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދިރިއުޅުއްވެވި ތަންތަނަކީ ވަރަށް އާދައިގެ ޖިފުޓިތަކެކެވެ. މަގުމައްޗަށް އެތެރެ ފެންނަ ހާލަތުގައި ހުރި ތަންތަނެވެ. އިތުރު އެކަލޭގެފާނު އެތަންތަން ބޭނުންފުޅުކުރެއްވީ ބައު ފޮތި ފަދަ ތަކެތިން ލޯވަޅުތައް ބަންދުކުރައްވައިގެންނެވެ.
މިފަދަ ހާލަތުގައި ހުންނަ ތަންތަން ބެލެހެއްޓުމަށްޓަކައި މީހަކު ކުރަންޖެހޭނެ މަސައްކަތްތައް ވިސްނައިލުން ރަނގަޅުވާނެ އެވެ. ކޮންމެ ދުވަހަކުވެސް އެފަދަ މަރާމާތުތައް ނުކޮށް ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެންދެވީ އެމަސައްކަތްޕުޅުތައް އަމިއްލަފުޅަށް ކުރައްވަވަމުންނެވެ.
އިތުރު މާތް ނަބިއްޔާ (ޞޢވ) އަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ އިސްވެރިޔާއެވެ. 7 އުޑުމަތިން ވަޙީ ބާއްވަވައިލެވެމުން އައި މަތިވެރި ނަބިއްޔާއެވެ. އަދި ވެރިކަމުގެ ނިޒާމު އެއިރު އޮތްގޮތުން ފަނޑިޔާރަކީވެސް ހަމަ އެ މާތް ނަބިއްޔާއެވެ. އަބަދު ގެންދެވީ ރައްޔިތުންގެ މަޖިލިސް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ހަމަ އެމާތަް ނަބިއްޔާއެވެ.
މިއަދު އަޅުގަނޑުމެން ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރަމުއެވެ. ވަޒީފާ ގިނަކަމުންނާއި މަސްއޫލިއްޔަތު ބޮޑުކަމުންނެވެ. ލިބޭ މުސާރައިން ބައެއް ބަންގާޅީންނަށް ދީފައި ބިޒީވެގެން މިތިބޭއިރު އިތުރު މާތް ނަބިއްޔާ (ޞޢވ) އާއި ގާތަކަށްވެސް އަޅުގަނޑުމެންނަށް ބިޒިވެވިދާނެހެއްޔެވެ؟ މިއީ ހަމަ އަމިއްލަ ނަފުސާއި ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ.
މިމައްސަލަތަކަށް ފުންކޮށް ވިސްނައިފިނަމަ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްޠިޞާދީ މައްސަލަތަކުގެ އިތުރުން ސީދާ އާއިލާތަކާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ހައްލުކުރެވިގެންދާނެއެވެ.
ހަމަ އެޢާއިއެކު ވިސްނައިލުން އެންމެ މުހިންމު އެއްކަމަކީ ހިލޭ ސާބަހަށް ކަންކަން ކޮށްދެއްވަވަން ޞަޙާބީން ތައްޔާރަށް ތިއްބެވިއިރުގައިވެސް ރަސޫލް (ޞޢވ) އަމިއްލަފުޅަށް އެ މަސައްކަތްޕުޅުތައް ކުރެއްވެވި ސަބަބަށެވެ. އެކަމުން އުންމަތަށް ދަސްކޮށްދެއްވެވި ފިލާވަޅަށެވެ. ރަސޫލް (ޞޢވ) ގެ ކޮންމެ އަމަލުފުޅަކީ އުންމަތަށް ދެއްވަވާފައިވާ ވަރަށް މަތިވެރި އިރުޝާދެކެވެ.
މިއަދު މިފާހަގަކުރަނީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެވެ. މަސައްކަތަކީ ހަމައެކަނި އަދާކުރާ ވަޒީފާކަމަށް ނުދެކެމާތޯއެވެ!