ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ، 300 އަށްވުރެ ގިނަ މައްސަލަ، މިދިއަ އަހަރުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކަމަށާއި އެއިގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޢާންމު ކުރެއްވި ޚީޠާބުގައެވެ.
"ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށް، މީހުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަކީ، މިދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާއެވެ. އެފަދަ މީހުންގެ ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ މަސައްކަތް، މި ސަރުކާރުން ފަށައިގެން ކުރަމުން އަންނަކަން އުފަލާއެކު ފާހަގަކުރަމެވެ. ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ، 300 އަށްވުރެ ގިނަ މައްސަލަ، މިދިޔަ އަހަރުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށެވެ."
ޤާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި، މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ވަޒީފާއިން ވަކިކުރުމަކީ، ސަރުކާރުން އެކަނި ކުރާ ކަންކަން ނޫން ކަމަށާއި އަމިއްލަފަރާތްތަކުންވެސް އެފަދަ ކަންކަން މިހާރުވެސް ހިނގަމުންދާ ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.