ރައީސް ޞާލިޙްގެ ތަޢްރީފް މަސައްކަތްތެރިންނަށް - "ޤައުމުގެ އިޤްތިޞާދު ދިރިގެން އަންނަނީ، މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިން".

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ރައީސް ޞާލިޙްގެ ތަޢްރީފް މަސައްކަތްތެރިންނަށް - "ޤައުމުގެ އިޤްތިޞާދު ދިރިގެން އަންނަނީ، މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިން".

"ޤައުމުގެ އިޤްތިޞާދު ދިރިގެން އަންނަނީ، މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިން" ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ މަސައްކަތްތެރިންނަސް ތައުރީފް ކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުން: 

 

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މި އަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި މަސައްކަތްތެރީންނަށާއި އެމީހުންގެ ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާ ފޮނުވަމެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުމެވެ. 

ދިވެހިރާއްޖޭގައިވެސް، މަސައްކަތްތެރީންނަކީ، މި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ ސަރަކައެވެ. ޤައުމީ އާމްދަނީ އުފަންވެގެން އަންނަނީ، މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ ތެރެއިންނެވެ. ޤައުމުގެ އިޤްތިޞާދު ދިރިގެން އަންނަނީ، މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިންނެވެ. އެހެންކަމުން މިއީ، ޤައުމަށްޓަކައި އެމީހުން ކޮށްދެމުން އަންނަ، މަތިވެރި ޚިދުމަތުގެ އަގު ވަޒަންކޮށް، އެމީހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ދުވަހެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު، މަސައްކަތްތެރީންގެ އެތައް ޙައްޤުތަކެއް ނިގުޅައިގަނެވިފައިވާކަން ގަބޫލުކުރަންޖެހެއެވެ. ޤާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި، މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ވަޒީފާއިން ވަކިކުރުމަކީ، ސަރުކާރުގެ ތެރޭގައި ނޫނަސް، މިހާރުވެސް ހިނގަމުންދާ ކަންކަމެވެ.

ވަކީން ޚާއްޞަކޮށް، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުމާއި، މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމަކީ، ޙައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި، މަކަރާއި ޙީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުމަކީވެސް، މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންކަމެވެ.

ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށް، މީހުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަކީ، މިދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާއެވެ. އެފަދަ މީހުންގެ ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ މަސައްކަތް، މި ސަރުކާރުން ފަށައިގެން ކުރަމުން އަންނަކަން އުފަލާއެކު ފާހަގަކުރަމެވެ. ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ، 300 އަށްވުރެ ގިނަ މައްސަލަ، މިދިޔަ އަހަރުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށެވެ.

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެކެވެ. ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫނެވެ. ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ، މަސައްކަތެއް ނުކޮށް، ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް، މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އެކަން އެހެން އޮތްއިރު، ތަފާތު މަސައްކަތްތައް ކުރުވުމަށް، ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެނެއެވެ.

 

މިއަދު އޮންލައިން