ކޮންމެ ދިވެހި ޒުވާނަކީވެސް ކޮންމެވެސް މަސައްކަތެއް ކޮށްގެން އަމިއްލައަށް އާމްދަނީ ހޯދާ މީހަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
މާދަމާ ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޢާންމު ކުރެއްވެވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން، ޤައުމުގެ ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދަން ތެދުވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު، ޢަޒުމް ކަނޑައަޅަންވީ އެއް ކަންތައް ކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާ ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއީ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު، ވަރަށް ބޮޑަށް މަދުކުރެވޭނެ ވެސް ކަމެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުން ކަމަށެވެ. ޤާނޫނީ އޮނގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި، ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ގެންދަވަނީ މަޝްވަރާ ކުރަމުން ކަމަށާއި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިރިއުޅުމަށްޓަކައި ބުރަ އުފުލަނީ، އުފަލާއި އަރާމުގައި ދިރިއުޅުމުގެ ބޭނުމުގައި ކަމަށާއި މިއަދަކީ އެ ބުރަ އުފުލުމަށްފަހު، އުފާ ފާޅުކޮށް އަރާމު ކުރުމުގެ ދުވަސް ކަމަށެވެ.
"ހުރިހާ މަސައްކަތްތެރީންނަށް ވަރަށް ފާގަތި ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ޙަލާލު ގޮތުގައި ކުރާ މަސައްކަތުން، އުފާވެރި އަދި ކާމިޔާބު ދިރިއުޅުމެއް ހޯދުމުގެ ހެޔޮ ތައުފީޤް، މާތްﷲ، އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުމެވެ. އާމީން."