6 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި މީހަކު ބޭނުންވި ފަދައިން ރަމަޟާންމަހު ގޮނޑިއާއި ނުލައި ނަމާދުކޮށް ސަޖިދަ ކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
6 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި މީހަކު ބޭނުންވި ފަދައިން ރަމަޟާންމަހު ގޮނޑިއާއި ނުލައި ނަމާދުކޮށް ސަޖިދަ ކުރެވުނު ގޮތުގެ ވާހަކަ-

އޭނާއަކީ އުމުރުން 60 އަހަރާއި ގާތްކުރާ މީހެކެވެ. ހައަކަ އަހަރު ކުރިން ސްޓރޯކެއް ޖެހިފައި މިހާރުވަނީ ރަނގަޅުވެފައެވެ. ހިނގައި އުޅެވެއެވެ. ނަމަވެސް ގިނައިރު ކޮޅަށް ހުރުން އޭނާއަށް ވަނީ ދަތިކަމަކަށްވެފައެވެ. އަދި ސަޖިދަ ކުރުމާއި ސަޖިދަ ކުރުމަށްފަހު ތެދުވުންވެސް ވެފައިވަނީ ދަތިކަމަކަށެވެ. އެހެންކަމުން ނަމާދުކުރަނީ ވެސް ގޮނޑީގައި އިށީނދެ އިނދެގެންނެވެ.

އޭނާގެ އަޒުމަކަށްވީ މިދިއަ އަހަރުގެ ރަމަޟާން މަހުގެ ތަރާވީޙް ނަމާދާއި ދަމުނަމާދު ގޮނޑިއާ ނުލައި ކުރުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތަކެވެ. ކޮންމެ ގޮތަކުން ނަމަވެސް ﷲ ތަޢާލާއަށް ސަޖިދަ ކުރެވޭތޯ މަސައްކަތް ކުރުމެވެ. އެކަމަށްޓަކައި އޭނާ އައީ މަސައްކަތްކުރަމުންނެވެ. ﷲ ތަޢާލާއަށް ދުޢާ ކުރުން ގިނަކުރުމާއިއެކު ކަސްރަތުތައް ކުރުން އައީ ގިނަކުރަމުންނެވެ.

ރަމަޟާން މަސް ފެށިއްޖެއެވެ. ހަނދުބަލަން އޮތް ރޭ މަޣްރިބް ނަމާދުގައި ގޮނޑިއާއި ނުލައި ނަމާދުކޮށް ސަޖިދަކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ޔަޤީންކަމެއް ނެތުމުން ސަޖިދަ ކުރާކަށް ނުކެރުނެވެ. ހަނދު ފެނުނުކަން އެނގުނީ ޢިޝާނަމާދު ނިމުނުފަހުންނެވެ. ތަރާވީޙް ނަމާދަށް ދިއައީ ސޖިދަ ކުރެވޭނެ ކަމުގެ އުންމީދުގައެވެ.

ﷲ ތަޢާލާއަށް ވަކީލްކޮށް ގޮނޑި އާއި ނުލައި ނަމާދުކުރުމުގެ އަޒުމުގައި ނަމާދުކުރަން ފެށިއެވެ. ކަމެއް ދިމާވެއްޖެ ނަމަ ތަޅުންމަތީގައި އިނދެގެން ނަމާދު ފުރިހަމަ ކުރުމަށް ނިޔަތްގަނެގެންނެވެ. ކަންތައް މެދުވެރިވި ގޮތް ނިކަން ދެކޭށެވެ. އޭނާއަށް ނަމާދު މިކުރެވުނީ ގޮނޑިއާއި ނުލައިކަން ހަނދާންވީ ވެސް 11 ރަކްޢަތް ކޮށް ނަމާދު ނިންމައި ސަލާމް ދިން ފަހުންނެވެ.

މިއީ މިދިއަ އަހަރު ޝާރުޖާގެ މުސްލިމަކަށް ކުރިމަތިވި ކަމެކެވެ. ދެއްވެވި ނިޢްމަތެކެވެ. އެއަށްފަހު އޭނާއަށް ގޮނޑިއެއް ބޭނުމެއް ނުވެއެވެ. އަދި އޭނާ ބުނިގޮތުން ރަމަޟާން މަސް ފެށުނު އިރު ވެސް ބަލީގެ ސަބަބުން އަތުގައި ތުރުތރު އެޅުމެއް ހުއްޓެވެ. ނަމަވެސް ރަމަޟާން މަސް ފެށުނުތާ ދެ ތިން ދުވަހެއްގެ ތެރޭގައި އެކަންވެސް ވަނީ ފިލައިގެން ގޮސްފައެވެ.

މީސްތަކުންނޭވެ! އޭނާގެ މި ހާދިސާގައި އެތައް ގިނަ ޢިބްރަތްތަކެއް ވެއެވެ. އެކަމަށް އޭނާ ކުރިއާލައި ތައްޔާރުވިކަމެވެ. މެދުކެނޑުމެއްނެތި ދުޢާކުރަމުން ގެންދިއަ ކަމެވެ. އަދި ﷲ ތަޢާލާއަށް އިތުބާރުކޮށް ގޮނޑިއާއި ނުލައި ނަމާދުކުރުމުގެ ހިތްވަރު އޭނާ ލިބިގަތް ކަމެވެ. އަހަރެމެން އެންމެގެ ކިބައިގައިވެސް ހުންނަންވީ އޭނާގެ ކިބައިގައި އެ ހުރި ސިފަތަކެވެ.

--ޚަލީޖް ޓައިމްސްގައި ޝާއިއުކޮށްފައިވާ ލިޔުމަކުން

މިއަދު އޮންލައިން