އަންނަ އަހަރުން ފެށިގެން އެސްއެސްސީ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހިމެނުމަށް މަޝްވަރާކުރަމުން ދާކަމަށް އެޑިޔުކޭޝަނުން ބުނެފިއެވެ.
ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މިސަރުކާރުން މިހާރު ކުރިއަަށްވުރެ ބޮޑަށް ކީރިތި ޤުރުއާނަށާއި އެކަމުގެ އިލްމަށް އިސްކަންދޭ ކަމަށާއި އަންނަ އަހަރުން ފެށިގެން އެސްއެސްސީގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހަމަޖެއްސުމުން ދަރިވަރުން އެސެސްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ އެޑިޔުކޭޝަން މިނިސްޓްރީން އެ އުސޫލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ޤުރުއާންގެ އިލްމު އުނގެނޭ ދަރިވަރުންނަކީ އެހެން މާއްދާތަކަށްވެސް މޮޅު ދަރިވަރުންކަން ފާހަގަކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވީ ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް ޤުރުއާނުގެ އިލްމު އުނގެނޭ ދަރިވަރުންނަށް ވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
ގްރޭޑް ދިހައެއްގައި ތައުލީމް ހާސިލްކުރާ ދަރިވަރުން އެސްއެސްސީ އިމްތިހާނު މިހާރު ހަދަނީ ދިވެހި، އިސްލާމް މާއްދާއިން އެކަންޏެވެ.