ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގްރިފްތް ޔުނިވާސިޓީ އާއި ހެލްތް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން ހެލްތް މިނިސްޓްރީ އާއި ގްރިފްތް ޔުނިވާސިޓީ ގުޅިގެން ރިސާޗް ހެދުމާއި ދެގައުމުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މަގުފަހި ވެގެންދާނެއެވެ. އަދި މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ގްރިފްތް ޔުނިވާސިޓީން ރާއްޖެއަށް ލިބިގެންދާނެއެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެކަށީގެންވާ ފެންވަރަށް އެމްބިޔުލާންސްގެ ހިދުމަތް ފުޅާކުރުމާއި، ކުއްލި ހާލަތުގައި ދޭ ފަރުވާގެ ހިދުމަތް ތަރައްގީކުރުމަށް މިއެއްބަސްވުމުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ. މިގޮތުން ޑޮކްޓަރުންނާއި، ނަރުހުން، ހެލްތް ވޯކަރުން ފަދަ ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާ ބޭފުޅުން ތަމްރީން ކުރުމަށް މިއެއްބަސްވުމުގެ ސަބަބުން ފުރުސަތު ތަކެއް ލިބިގެންދާނެއެވެ. އަދި ކޮމިއުނިޓީ ޕެރަމެޑިކްސް ފަދަ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ރޭވުމާއި އާންމުން ހޭލުންތެރިކުރުމުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ގްރިފްތް ޔުނިވާސިޓީއަކީ އޮސްޓްރޭލިއާގައި ވަރަށް ކުރިއަރާފައިވާ ރިސާޗް ޔުނިވާސިޓީއެކެވެ. މިއެޔުނިވާސިޓީން ވަނީ 2018 ވަނަ އަހަރު ލ. އަތޮޅުގައި ޕެރަމެޑިކް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގާފަ އެވެ. އެޕްރޮގްރާމްގައި ރާއްޖޭގެ 25 މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި އެޕްރޮގްރާމްގައި ބޭނުންނުރި އާލާތްތައް ވަނީ ދިވެހި ސަރުކާރަށް ހަދިޔާކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.